ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުން ފޯރުކޮށްދޭ ބަސް ދަތުރުތަކަށް ބޭނުންކުރާ ޓިކެޓް ވިއްކުން އަންނަ މަހުން ފެށިގެން ހުއްޓާލަން ނިންމައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުން ކުރި އިއުލާނެއްގައި ބުނީ، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބަސް ދަތުރުތަކަށް ވިއްކާ ޓިކެޓް ވިއްކުން ހުއްޓާލުމުން ދެން ދަތުރުކުރެވޭނީ ބަސްކާޑު ބޭނުންކޮށްގެން ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްރިޖް ހުޅުވާލިއިރު، މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ބަސް ދަތުރުތައް އެމްޕީއެލް އިން ކުރަމުންދިޔައީ ފީއެއް ނުނަގައެވެ.
ނަމަވެސް އެއީ ދެކޮޅު ޖެހޭނެ ގޮތަކަށް ނުވާތީ، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ބަސް ދަތުރުތަކަށް ފީ އެއް ނަގަން ފެށިއެވެ. އެއީ ބްރިޖުގެ ބަސް ދަތުރުތަކަށް ކޮޅަކަށް 10 ރުފިޔާއެވެ. ދެ އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެއެވެ.
އޭގެ އިތުރުން ބަސް ދަތުރުތަކަށް ހާއްސަ ކާޑެއް ވެސް ތައާރަފްކުރިއެވެ. ކާޑެއްގެ އަގަކީ 20 ރުފިޔާއެވެ. ކާޑު ވިއްކާ ތަންތަނުން އެ ކާޑަށް ފައިސާ އެޅޭގޮތަށް ހެދި އެ ކާޑުން ކިތަންމެ ގިނަ މީހުންނަކަށް ވެސް ދަތުރު ކުރެވެއެވެ.
ބަހުގައި ބޭނުންކުރާ ކާޑަށް ހާއްސަ މެޝިންތައް، ބަސް ޓާމިނަލާއި ބަހުގެ އެތެރޭގައި ވެސް ހުންނައިރު، އެ މެޝިނަށް ކާޑު ދިއްކޮށްލުމުން، ދަތުރަށްވާ ފައިސާ އުނިވާނެއެވެ.