ޚަބަރު

ކުންފުނިތަކުގެ ފައިދާ އެއް ބިލިއަން ރުފިޔާ، އެކަމަކު މުވައްޒަފުންނަށް ލިބެނީ ގަޑިއަކަށް އެއް ޑޮލަރު: ބޮންޑޭ

އާނިފާ ހުސެއިން ސިރާޖް

ކުންފުނިތަކުގެ ފައިދާއަށް އެއް ބިލިއަން ރުފިޔާ ލިބޭއިރު އެތަންތަނުގައި ވަޒީފާ އަދާކުރާ މީހާއަށް ލިބެނީ ގަޑިއަކު އެއް ޑޮލަރު ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި އެންމެ ކުޑަ އުޖޫރަ، ނުވަތަ މިނިމަމް ވޭޖާ ބެހޭގޮތުން ވާހަކަދައްކަވަމުން ރޭ ބޮންޑޭ ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައެޅިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިހާރު މަސައްކަތު މީހުންނަށް ދޭ މުސާރައަކީ އެކަށީގެންވާ މުސާރައެއް ނޫން ކަމަށެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުން ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހޯދި ނަމަވެސް އެތަންތަނުގައި މަސައްކަތް ކުރާ މީހުންނަށް ލިބެނީ ވަރަށް ކުޑަ އުޖޫރައެއްކަން ފާހަގަކުރައްވައި ބޮންޑޭ ވިދަޅުވީ "މުޅި ކޭކު އެއްކޮށް ކާލަނީ" ކުންފުނިން ކަމަށެވެ.

"މިސާލަކަށް ބޭންކުގައި މަސައްކަތް ކުރާ ކުދިންނަށް ލިބެނީ ގަޑިއަކު ޑޮލަރެއް. ފަސް ހާސް ރުފިޔާ މަހަކު މި ޖެހެނީ. އެކަމަކު އެ ބޭންކަށް އެބަ ލިބޭ އެއް ބިލިއަން. މިއީ އިންސާފުތޯ؟. ކުންފުނި ކުރިއަރާ ވަރަކަށް މުސާރަވެސް ކުރިއަރަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ދައުލަތުގެ ކުންފުނިތަކުގައި ތިބި މަސައްކަތު މީހުންގެ ވޭޖްވެސް ރަނގަޅުކުރަން ޖެހޭ ކަަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ދިވެހި ރައްޔިތުންނަށް މަސައްކަތް ހަވާލުނުކޮށް ބިދޭސީންނަށް ހަވާލުކުރަނީ އެމީހުން ކުޑަ އަގުގައި މަސައްކަތް ކުރާތީ ކަމަށާއި "ގައުމެއް ހަލާކުވެގެން ދަނީ ދަހިވެތި ވީމަ" ކަމަށެވެ. އަދި ގައުމަށް ފައިދާވާނީ ބޮޑު މުސާރައިގައި ދިވެހިންނަށް މަސައްކަތް ދިނުމުން ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.

"އަޅުގަނޑަށް އެއްގޮތަކަށްވެސް ނުވިސްނޭ ބޭންކަކުން ނުވަތަ މުއާސަލާތީ ހިދުމަތްދޭ ކުންފުންޏަކުން ތިމަންނަމެންނަށް އެއް ބިލިއަން ރުފިޔާ ފައިދާ ވިޔޭ ބުނާއިރު ދެން ހުރި އެތާ ވަޒީފާ އަދާކުރާ ކުއްޖާއަށް މި ލިބެނީ ތިން ހާސް ނުވަތަ ފަސް ހާސް ރުފިޔާ. މިއީ އިންސާފެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި ވެސް ހިމަނާފައިވާ އިރު، މި ނިންމުމަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

މަސައްކަތްތެރިންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ގާނޫނަކުން ކަނޑައެޅުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހަލުވިކަމާއެކު ނިންމައި ދިނުމަށް ސަރުކާރަށް އިލްތިމާސްކޮށް ހުށަހެޅި ގަރާރު މަޖިލީހުން ވަނީ މިދިޔަ ބުދަ ދުވަހު ފާސްކޮށްފައެވެ.