ޚަބަރު

ދިޔަވި ބޯޓަކުން ބައެއް ތަކެތި ކަނޑަށް ދޫކޮށްލާފައިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އާނިފާ ހުސެއިން ސިރާޖް

މާލެއިން ފުރައިގެން ލ.ގަމަށް ދަތުރުކުރި "ދިނަޝަ" ބޯޓް ދިޔަވުމާ ގުޅިގެން އެ ބޯޓުން ކަނޑަށް ދޫކޮށްލާފައިވާ ބައެއް ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މ.އަތޮޅު ކުރެލި ކަނޑުގެ ސަރަޙައްދުން "ދިނަޝަ" ނަމަކަށް ކިޔާ ބޯޓެއް ދިޔަވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނުގެ 9:40 ހާއިރު ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޯޑްރަންގެ ހާބަރ ކްރާފްޓް ލޯންޗް ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މިގޮތުން އެ ސަރަހަށްދަށް ގޮސް ހާބަރ ކްރާފްޓް ލޯންޗުގެ އެހީތެރިކަމާއެކު މ.ކޮޅުފުއްޓަށް މިއަދު މެންދުރު 12:08 ހާއިރު ބޯޓު ވަނީ ރައްކާތެރިކަމާއެކު ވަދެފައި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ހަތް މީހުންނާއެކު ދަތުރުކުރި މި ބޯޓު ދިޔަވުމާ ގުޅިގެން 30 ވަރަކަށް ގޭސްފުޅިއާއި 100 ފެން ކޭސް ކަނޑަށް ދޫކޮށްލާފައިވާ ކަމަށާއި މިކަމަށް ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްމާސްކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.