ޚަބަރު

ރާއްޖެއިން މިއަހަރުގެ މިހާތަނަށް ޖުޒާމް ބަލި ޖެހިފައިވާ ތިން މީހުން ފެނިފައިވޭ: އެޗްޕީއޭ

އާނިފާ ހުސެއިން ސިރާޖް

މިއަހަރުގެ މިހާތަނަށް ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ޖެހިފައިވާ ތިން މީހުން ރާއްޖެއިން ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިހެން ބުނެ ނޫސް ބަޔާނެއް ނެރެފައި މިވަނީ، ގދ. ފަރެސްމާތޮޑާގައި ޖުޒާމް ބަލި ފެތުރެމުންދާކަން ފާހަގަކޮށް އެރަށު ސިއްހީ މަރުކަޒުގެ ތައްގަނޑު ޖަހާފައިވާ އިއުލާނެއް ސޯޝަލް މީޑިޔާގައި އާންމުވުމުންނެވެ. ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ފަހުން ވަނީ، އެ އިއުލާނަކީ ދޮގެއް ކަމަށާއި އެ ރަށުގައި ކުރިއަށްދަނީ ޖުޒާމް ބަލީގެ ސްކްރީނިން ޕްރޮގްރާމެއް ކަމަށް ބުނެފައެވެ.

އެޗްޕީއޭގެ ބަޔާނުގައި ބުނީ، ޖުޒާމް ބައްޔަކީ މިހާރުވެސް ރާއްޖޭގައި މަދުން ނަމަވެސް ފެންނަމުންދާ ބައްޔެއް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި މުޅި ރާއްޖެއިން އެވަރެޖްކޮށް 3-7 ބަލި މީހުން ފެނިފައިވާއިރު މިއަހަރުގެ މިހާތަނަށް ޖުޒާމް ބަލި ޖެހިފައިވާ ތިން މީހުން ފެނިފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.

އެޗްޕީއޭ އިން އިތުރަށް ބުނީ، އެ ބަލި ނައްތާލުމަށް ދެނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންވަރަށް 1997 ގައި މަދުކުރެވިފައިވާ ކަމަށެވެ. އަދި 2030 ވަނަ އަހަރުގެ ކުރިން ރާއްޖެއިން ޖުޒާމް ބަލި އެއްކޮށް ނައްތާލުމަށް މިއަހަރުގެ ޖޫން މަހު ފަށާފައިވާ "ޒީރޯ ލެޕްރަސީ"ގެ ތެރެއިން ރާއްޖޭގެ ބައެއް ރަށްރަށުގައި މުޅި އަބާދީ ލެޕްރަސީއަށް ސްކްރީން ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ގދ. ފަރެސްމާތޮޑާގައި ވެސް ކުރިއަށްދަނީ އެ ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް ކަމަށާއި އެކަން ކުރަނީ ރަށުގެ ވީހާވެސް ގިނަ މިހުން ގެނައުމަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ސްކްރިން ކުރުމުގެ ބޭނުމަކީ އާބާދީގައި ބަލި ހުރި މީހަކު ވޭތޯ ދެނެގަނެ އަވަހަށް ފަރުވާ ދިނުން ކަމަށް ބަޔާނުގައިވެއެވެ.

ޖުޒާމް ބައްޔަކީ ބަލި ހުރިކަން ދެނެގަނެ، އަވަހަށް ފަރުވާ ފެށި، ގަވައިދުން ބޭސް ބޭނުން ކުރުމުން އެއްކޮށް ފަސޭހަކުރެވޭ ބައްޔެކެވެ.

އެޗްޕީއޭ އިން ބުނީ ޖުޒާމްބަލި ޖެހިފައިވާ ކޮންމެ ބަލި މީހަކީ ވެސް ބަލި ދެނެގަނެވުމާއެކު ކަމާބެހޭ ޑޮކްޓަރުންނާއި އެ އެޖެންސީގެ ހާއްސަ ބެލުމުގެ ދަށުން ފަރުވާ ފެށި، އެ ބަލިން މުޅިން ރަނގަޅުވަންދެން އެމީހެއްގެ ބަލިހާލަތު ބަލަހައްޓަމުންދާނެ މީހެއް ކަަމަށެވެ.

އަދި ބަލިމީހާގެ އާއިލާ އަށާއި ގާތް މީހުންނަށް ބަލިން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް އޮޅުން ފިލުވައިދިނުމާއެކު، ބަލިމީހާ ދިރިއުޅޭ ރަށުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުން ގާތުން އެމީހެއްގެ ހާކަތު މޮނިޓާކޮށް ބަލަމުންދާނެ ކަަމަށް ވެސް ބުންޏެވެ.

ބެކްޓީރިއާ އިން ޖެހޭ ޖުޒާމް ބައްޔަކީ އެ ބަލި ބޮޑުވުމުން ހަށިގަނޑުގެ ގުނަވަންތައް ހަލާކުވެ، ވެއްޓޭ ބައްޔެކެވެ. އެ ބަލީގެ ކުރީކޮޅު ދެނެގަނެ، ފަރުވާ ކުރެވިއްޖެނަމަ އެ ބައްޔަކީ ފަރުވާ ހޯދޭނެ ބައްޔެކެވެ. އެ ބައްޔަކީ ހަށިގަނޑުގެ ހިއްސުތަކަށް ހަމަލާދޭ މައިކޮބެކްޓީރިއަލް ލެޕްރާ ކިޔާ ފަންޏެއް ނުވަތަ ޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އާންމުކޮށް އެ ބަލީގެ އަސަރު ހުންނަ ތަންތާނގައި އިހުސާސެއް ނުހުރެއެވެ.

ޖުޒާމް ބައްޔަކީ 1960ގެ އަހަރުތަކުގައި ރާއްޖޭގައި ފެތުރުނު ބައްޔަކެވެ.