ޚަބަރު

ފޮނަދޫއިން ގެ ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ލ. ފޮނަދޫގައި އިމާރާތްކޮށްފައިވާ 50 ގޭގެ ތެރެއިން މިހާތަނަށް ދޫނުކޮށްހުރި 27 ގެއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފިއެވެ.

ފޮނަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެ ރަށުގައި ގާއިމުކޮށްފައިވާ 50 ގޭގެ ތެރެއިން ބާކީހުރި 27 ގެއަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ބަދަލު ގެނެސް ދާއިމީ ލިސްޓް އިއުލާން ކޮށްފައިވާ ކަމަށެވެ.

ފޮނަދޫ ކައުންސިލުން އާންމުކޮށްފައިވާ ޕޮއިންޓު ލިސްޓުގައި ޖުމްލަ 410 ފަރާތެއްގެ ނަން ހިމެނޭއިރު، 11 ފަރާތެއްގެ ފޯމުގައި ދޮގު މައުލޫމާތު ހިމަނާފައިވާތީ އެ މީހުންގެ ފޯމުތައްވަނީ ބާތިލުކޮށްފައެވެ.

އަދި ގެ ލިބޭ ފަރާތްތައް ކަނޑައަޅާނީ އެ ލިސްޓުގައި ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ކަމަ ށްވެސް ފޮނަދޫ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

ލ. ފޮނަދޫގެ ގާއިމުކޮށްފައިވާ 50 ހައުސިން ޔުނިޓްގެ ޔޫޓިލިޓީ މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ މިދިޔަ މާޗު މަހުގައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 90 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.