ޚަބަރު

ސަރުކާރު ދިފާއުކުރަން ފަސްޖެހޭ ނަމަ، މަގާމުތަކުގައި ތިބޭކަށް ނުޖެހޭ: ހަސަން ލަތީފް

ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ސަރުކާރު ދިފާއުކުރަން ފަސްޖެހޭ ނަމަ، މަގާމުތަކުގައި ތިބެން ޖެހޭ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް އެހެން ވިދާޅުވެފައިވަނީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް ވެސް ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށް، ސަރުކާރު ދިފާއުކުރުން ލާޒިމުވާ ކަމަށެވެ.

އަދި ސަރުކާރު ދިފާއުކުރަން ފަސްޖެހިވަޑައިގަންނަވާ ބޭފުޅުން މަގާމުތަކުގައި ތިއްބަވަން ޖެހޭ އަދި ބައިތިއްބަވަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

"ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް ވެސް ލާޒިމުވޭ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށް، ސަރުކާރު ދިފާއުކުރުން. އެކަން ކުރައްވަން ފަސްޖެހިވަޑައިގަންނަވާ ބޭފުޅުން މަގާމުތަކުގައި ތިއްބަވަން ޖެހޭ އަދި ބައިތިއްބަވަން ޖެހޭ ސަބަބެއް ނޯންނާނެ." ހަސަން ލަތީފް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ހަސަން ލަތީފް އެހެން ވިދާޅުވެފައިވާ އިރު، އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓު ނެރުނު މައްސަލައިގައި އެ ޖަމިއްޔާގެ މައްސަލަ ބެލުމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވަނީ ގޮވާލައިފައެވެ.

އެމްޑީޕީއާ ވާދަވެރި ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިއާރުތައް ބޭނުން ނުކުރުމަށް އެމްޑީޕީން ވަނީ މިއަދު އެ ޕާޓީގެ މެމްބަރުންނަށް ވެސް އަންގައިފިއެވެ. އިދިކޮޅު ހަރަކާތްތަކަށް ބާރު ލިބޭ، ވާގިވެރިވުމުގެ ބަޔާން ނެރުމާއި އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ދުރޫސުލް އަހުލާގުގެ ހަމަތަކުން ބޭރު ކަމެއް ކަމަށް އެ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.