ޚަބަރު

ނާމް ސަމިޓްގައި ރައީސްގެ ފަރާތްޕުޅުން މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގެންފި

އާނިފާ ހުސެއިން ސިރާޖް

ނަން-އެލައިންޑް މޫވްމަންޓް (ނާމް)ގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ 18 ވަނަ ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި މިއަދާއި މާދަމާ ކުރިއަށްދާ މި ސަމިޓްގެ އިސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ތަގުރީރުކުރައްވަން ހަމަޖައްސާފައިވާ ކަމަށެވެ.

އަދި މި ސަމިޓްގެ ހަވާސާގައި ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް މިނިސްޓަރު ކުރައްވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ނާމް ސަމިޓްގެ ހަވާސާގައި މިއަދުވެސް މިނިސްޓަރު ޝާހިދު ބައެއް ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވާ ކަމަށާއި އެގޮތުން އިންޑިއާގެ ނައިބު ރައީސް ވެންކައިއާ ނައިޑޫއާއި އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީއާއި މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓަރު ޝާހިދު އަޒަރުބައިޖާނަށް ވަޑައިގެންފައި މިވަނީ ރައީސް ސޯލިހުގެ އަރިހުގައި ޖަޕާނަށް ވަޑައިގަތުމަށްފަހުގައެވެ.