ޚަބަރު

ހަނގުރާމައަށް ދިވެހިން ފޮނުވާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ހަނގުރާމައަށް ދިވެހިން ފޮނުވާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހާއަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާ އިން ތުހުމަތުކުރާ މުހައްމަދު އަމީނެވެ. އޭނާއަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާ އިން ވަނީ މިދިޔަ އޮގަސްޓް މަހު އޭނާއަށް މާލީ ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅައިފައެވެ.

އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި އަމީނަކީ ހަނގުރާމަވެރި ޖަމިއްޔާ އައިސިސްގެ އިރާގުގެ ގޮތްފަށް މީހުން ރެކްރޫޓްކުރާ މީހެކެވެ. އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ.

ސަލްޓަން ޕާކް ބޮމުގެ ހަމަލާއާ ގުޅިގެން ވެސް އަމީން ހޯދަން މީގެ ކުރިން އިންޓަޕޯލް ރެޑް ނޯޓިސް ނެރުނެވެ. 2011 ވަނަ އަހަރު ލަންކާ އިން ހައްޔަރުކޮށްގެން ރާއްޖެ ގެނައި ނަމަވެސް، ފަހުން އޭނާ ވަނީ ދޫކޮށްލައިފައެވެ. އޭރު އަމީން ހައްޔަރުކުރީ ވަގު ޕާސްޕޯޓެއްގައި ލަންކާއަށް އެތެރެވާން އުޅެނިކޮށެވެ.