ގދ. ފަރެސްމާތޮޑާގައި ޖުޒާމް ބަލި ފެތުރެމުންދާ ކަމަށް ދެކެވޭ ވާހަކަތައް އެ ރަށު ސިއްހީ މަރުކަޒުން ދޮގުކޮށްފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން ފަރެސްމާތޮޑާގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ރަށުގައި ކުރިއަށްދަނީ ޖުޒާމް ބަލީގެ ސްކްރީނިން ޕްރޮގްރާމެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފަރެސްމާތޮޑާ ސިއްހީ މަރުކަޒުގެ ނޯޓިސްއަކާ ގުޅިގެން އެ ރަށުގައި ޖުޒާމް ބަލި ފެތުރެމުންދާ ކަމަށް ވާހަކަތައް ދެކެވެމުންދިޔަ ނަމަވެސް، އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް އެ ރަށު ސިއްހީ މަރުކަޒުން މައުލޫމާތުދެއެވެ. އެ ބަލި ފެތުރެމުންދާ ވާހަކަތައް ސިއްހީ މަރުކަޒުން ދޮގުކުރި ނަމަވެސް، އެއްވެސް މީހަކު ޖުޒާމް ބައްޔަށް ޕޮޒިޓިވް ވި ކަމެއް ނުވަތަ ނޫން ކަމެއް އެ މަރުކަޒުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
"ޖުޒާމް ބަލި ފެތުރެމުންދާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން. އެއީ ސްކްރީނިން ޕްރޮގްރާމެއް. އެއީ އެޗްޕީއޭ އާއި ޑަބްލިޔުއެޗްއޯއާ ގުޅިގެން ކުރިއަށްގެންދާ ސްކްރީނިން ޕްރޮގްރާމެއް،" ފަރެސްމާތޮޑާގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ގުޅިގެން އެ ބަލީގެ ސްކްރީނިން ޕްރޮގްރާމެއް ދެ ފަހަރަކު ފަރެސްމާތޮޑާގައި ހިންގާފައިވާ ކަމަށާއި އެކަމަށް ރައްޔިތުންގެ އެންމެ އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާ ކަމަށެވެ.
ބެކްޓީރިއާ އިން ޖެހޭ ޖުޒާމް ބައްޔަކީ އެ ބަލި ބޮޑުވުމުން ހަށިގަނޑުގެ ގުނަވަންތައް ހަލާކުވެ، ވެއްޓޭ ބައްޔެކެވެ. އެ ބަލީގެ ކުރީކޮޅު ދެނެގަނެ، ފަރުވާ ކުރެވިއްޖެ ނަމަ އެ ބައްޔަކީ ފަރުވާ ހޯދޭނެ ބައްޔެކެވެ. އެ ބައްޔަކީ ހަށިގަނޑުގެ ހިއްސުތަކަށް ހަމަލާދޭ މައިކޮބެކްޓީރިއަލް ލެޕްރާ ކިޔާ ފަންޏެއް ނުވަތަ ޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އާންމުކޮށް އެ ބަލީގެ އަސަރު ހުންނަ ތަންތާނގައި އިހުސާސެއް ނުހުރެއެވެ.
ޖުޒާމް ބައްޔަކީ 1960ގެ އަހަރުތަކުގައި ރާއްޖޭގައި ފެތުރުނު ބައްޔަކެވެ.