ސުލްހަ މަސަލަސްކަން ދަމަހައްޓައި ކުރިއެރުވުމުގައި ބައިނަލްއަގުވާމީ މުޖުތަމައާއެކު ދިވެހިރާއްޖެއިން ކުރިއެކޭ އެއްގޮތަށް މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
ރައީސް ސޯލިހު މިކަން ހާމަކުރައްވާފައިވަނީ މިއަދު ފާހަގަކުރަމުންދާ 74 ވަނަ އ.ދ. ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
އ.ދ. ދުވަހެއް ފާހަގަކުރަނީ ސިޔާސަތު ކަނޑައެޅުމާއި ގޮތް ނިންމުމުގެ ތެރެއިން ހަމަޖެހުމާއި ސުލްހައަށް މަގުފަހިކުރުމުގެ އަޒުމް ވަރުގަދަކުރުމަށްކަން ބަޔާންކުރައްވަމުން ރައީސް ވަނީ އ.ދ. އުފެއްދުމުގެ މަގުސަދުތައް ހާސިލުކުރުމުގައި ސާބިތުކަމާއެކު މިހާތަނަށް ދެމިއޮތްކަން ފާހަގަ ކުރައްވައިފައެވެ.
ރައީސް ވަނީ ރާއްޖެއިން އ.ދ. ގެ ޗާޓަރުގައިވާ ކަންކަމަށް އިޖާބަދޭނެކަން ހާމަކުރައްވައި އ.ދ.ގެ ޗާޓަރުގެ ރޫހާ އެއްގޮތްވާ ގޮތުގެ މަތީން މަސައްކަތްކުރުމަކީ އެ ޖަމާއަތުގައި ހިމެނޭ އެންމެހާ ގައުމުތަކަށް ލާބައާއި މަންފާ ލިބޭނެ ކަމެއްކަން ގަބޫލުކުރައްވާކަން ފާހަގަކުރައްވައިފައެވެ.
ރައީސްގެ މެސެޖުގައި 2030 ވަނަ އަހަރުގެ ނިޔަލަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަކީ އެކަންކަމުގެ ސަބަބުން ގައުމުތަކުގެ އެންމެހާ ރައްޔިތުންނަށް ހަރުދަނާ، ރައްކާތެރި، ދުޅަހެޔޮ، ސުލްޙަވެރި އަދި އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ބައްޓަންކުރެވިފައިވާ ފުރިހަމަ އޮނިގަނޑެއްކަން ހާމަކުރައްވާފައިވެއެވެ.
މީގެ އިތުރުންވެސް 2030 ވަނަ އަހަރުގެ ނިޔަލަށް ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއި އެއްބަސްވުންތަކާއި އެއްގޮތަށް އަމަލުކުރުންމަތީ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ. އަދި މިކަންކަން ހާސިލުކުރުމުގައި މި ޖީލަށް ހުރި ގޮންޖެހުންތަކާ އެކުގައިވެސް ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން، މައުލޫމާތު ހިއްސާކުރެވޭ މާހައުލެއްގެ ތެރެއިން ހައްލު ހޯދުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށްވެސް މި މެސެޖުގައި އެމަނިކުފާނު ހާމަކުރައްވާފައިވެއެވެ.
އ.ދ. ދުވަހުގެ ގޮތުގައި 1948 ވަނަ އަހަރުން ފެށިގެން ފާހަގަކުރާ ދުވަހަކީ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހެވެ.