ޝަހީދާ އަބްދުﷲ ސައީދު
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު (އިބޫ) ވެރިކަމަށް ވަޑައިގަތީ ކޯލިޝަނަކުންކަން އެނގިވަޑައިގަންނަވާ ކަމަށާއި، އިބޫ އެކުލަވާލައްވާނީ އިބޫގެ ކެބިނެޓެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ވެރިކަމަށް ވަޑައިގަތީ ކޯލިޝަނުންކަން އަބަދުވެސް ހަނދާން ހުންނަ ކަމަށާއި، އެކަން ވަޒީރުންގެ މަޖިލިސް އެކުލަވާލައްވާއިރު ވެސް ހަނދުމަ ބަހައްޓަވާނެ ކަމަށެވެ. އަދި ވަޒީރުންގެ މަގާމުތައް ނިންމަވާނީ އިބޫ ކަމަށާއި، އިބޫ އެކުލަވާލައްވާނީ ޚުދު އިބޫގެ ކެބިނެޓެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
''އިބޫއަށް ވެސް އެނގިވަޑައިގަންނަވާނެ އައީ ކޯލިޝަނަކުންކަން. އިންތިޚާބަށް އައީ ކޯލިޝަނަކުން. ވަޒީރުންގެ މަގާމުތައް އެކުލަވާލައްވާނީ ޚުދު އިބޫ. އިބޫ އެކުލަވާލައްވާނީ އިބޫގެ ކެބިނެޓެއް. ކެބިނެޓް އެކުލަވާލާއިރު، އެމައްޗަށް ބުރަ ނުވުމަށް. ސަވާރު ނުވުމަށް.'' ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ވަޒީރުންގެ މަޖިލީހަކީ އިބޫގެ ގާނޫނީ ހައްގެއް ކަމަށެވެ. އަދި ވަޒީރުންގެ މަޖަިލިސް އެކުލަވާލާއިރު ގުޅިފައިވާ ޕާޓީތަކުން ވަޒީރުންގެ މަޖިލީހުގެ މައްޗަށް ސަވާރުވެ، އެމައްޗަށް ބުރަވުމަށް ގާނޫނުވެސް ތަން ނުދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
''ކެބިނެޓް އެކުލަވާލާއިރުގައި އަޅުގަނޑުމެން އެންމެންވެސް ހަނދާން ބަހައްޓަން ޖެހޭ އަސްލުތަކެއްވޭ. ރައީސުލްޖުމްހޫރިއްޔާ ކެބިނެޓާއި ސަރުކާރު އެކުލަވާލައްވާނީ. އެއީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހެއް. އެއީ އެމަނިފާނުގެ ހައްގެއް ގުޅިފައިވާ ޕާޓީތަކުން ކެބިނެޓުގެ މައްޗަށް ސަވާރުވެ، އެ މައްޗަށް ބުރަވާން ގާނޫނުވެސް ތަން ނުދޭ.'' ނަޝީދު ވިދާޅުވިއެވެ.
ވަޒީރުންގެ މަޖިލީސް އެކުލަވާލައްވާނީ ކޯލިޝަންގެ ތެރެއިން ކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު، އިބޫގެ ސަރުކާރުގައި 22 މިނިސްޓްރީ އެކުލަވާލައްވާނެ ކަަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ރިޔާސީ އިންތިޚާބުގައި އިބޫ ވާދަކުރައްވައި، އިންތިޚާބު ކާމިޔާބުކުރެއްވީ ކުރީގެ ރައީސް މައުމޫނާއި ގާސިމް އިބްރާހީމާއި އިމްރާން އަބްދުﷲގެ ފުރިހަމަ ތާއީދާއެކުގައެވެ.