ޔޫއެފާ ޔޫރޮޕާ ލީގު

ޕެޕޭ ފަހުވަގުތު އާސެނަލް މޮޅުކޮށްދީފި

ޔޫއެފާ ޔޫރޮޕާ ލީގުގައި ޕޯޗުގަލްގެ ވިކްޓޯރިއާ އެސްސީ އަތުން ފަހުވަގުތު ނިކޮލަސް ޕެޕޭ އިނގިރޭސިވިލާތުގެ އާސެނަލް މޮޅުކޮށްދީފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ޔޫރޮޕާ ލީގު މެޗުގައި ވިކްޓޯރިއާ އަތުން އާސެނަލް މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ އަށްވަނަ މިނެޓުގައި ވިކްޓޯރިއާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ވިކްޓާ ގާސިއާ ދިން ބޯޅައަކުން ވިކްޓޯރިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ މިޑްފީލްޑަރު މާކަސް އެޑްވާޑްސްއެވެ.

ވިކްޓޯރިއާ އިން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، މެޗުގެ 32 ވަނަ މިނެޓުގައި އާސެނަލުން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ކިއެރެން ޓިއާނޭ ނަގައިދިން ހުރަހަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވަޑް ގެބްރިއަލް މާޓިނެލީއެވެ.

އާސެނަލުން ނަތީޖާ ހަމަހަމަކުރިތާ ހަތަރު މިނެޓު ތެރޭ ވިކްޓޯރިއާ އިން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ވިކްޓޯރިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބްރޫނޯ ޑުއާޓޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވިކްޓޯރިއާގެ ޑޭވިޑްސަން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތުމާއެކު ލިބުނު ރީބައުންސް ބޯޅައަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ވިކްޓޯރިއާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ނުރައްކާ ޓީމެއްގެ ގޮތުގައި ފެނިގެންދިޔައީ ވިކްޓޯރިއާއެވެ. އެގޮތުން އެޓީމުން ވަނީ އާސެނަލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައެވެ. އޭގެ ތެރޭގައި އެޓީމުގެ 19 އަހަރުގެ ފޯވަޑް އަންދްރޭ އަލްމޭދާ އާއި ޑޭވިޑްސަންގެ ހަމަލާއެއް ފާހަގަކޮށްލެވެއެވެ.

މެޗުގެ 80 ވަނަ މިނެޓުގައި އާސެނަލުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އާސެނަލަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ޕެޕޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކުޅެން ނުކުތްތާ ފަސް މިނެޓުގެ ތެރޭގައެވެ.

އާސެނަލްގެ އެ ލަނޑަށް ފަހު ދެ ޓީމުން ވެސް ލީޑު ހޯދުމަށް މަސައްކަތްތަކެއް ކުރިއެވެ. އާސެނަލަށް މެޗުން މޮޅެއް ކަށަވަރުވީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ހިލޭ ޖެހުމުންނެވެ. އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޕެޕޭއެވެ.

އާސެނަލް އޮތީ ކުޅުނު ތިން މެޗުން ހޯދި ނުވަ ޕޮއިންޓާއެކު "ގްރޫޕު އެފް"ގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް އެއިންޓްރެކްޓްއަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ސްޓެންޑާޑް ލިއޭގްއަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ވިކްޓޯރިއާ ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ.

ޔޫރޮޕާ ލީގުގައި ހަނި ތަފާތަކުން ސާބިއާގެ ޕާޓިޒަން އަތުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ވަނީ މޮޅުވެފައެވެ. ރަށުން ބޭރުގައި ރޭ ކުޅުނު "ގްރޫޕް އެލް"ގެ އެ މެޗުން ޔުނައިޓެޑް މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ލަނޑު ކާމިޔާބުކޮށްދިނީ އެންތޮނީ މާޝިއަލްއެވެ.

ޔުނައިޓެޑް އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު "ގްރޫޕު އެލް"ގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް އޭޒެޑް އަލްކްމާރްއަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ޕާޓިޒަންއަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް އަސްތާނާ ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ.