މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ މައްސަލައިގައި ތަހުގީގުކުރާނެ ކަމެއް ނެތް ކަމަށާއި އެ ޖަމިއްޔާގެ ހުރިހާ ވާހަކައެއް އެހުރީ ފެންނަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ރިޕޯޓު ނެރުނު މައްސަލައިގައި އެ ޖަމިއްޔާއާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަބަދުވެސް އިވެމުންދަނީ ހަރުކަށި ފިޔަވަޅު އަޅާނަމޭ ބުނާ އަޑު ކަމަށެވެ.
"ސުވާލު އުފެދެނީ ދިވެހިރާއްޖޭގެ ސަރުކާރުގައި، ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ކޮބައިބާއޭ ވަލީއުލް އަމްރުގެ ދައުރަކީ؟. ކީއްތޯ ކުރައްވަނީ؟. އަބަދުވެސް އޮއްވަޅު ގޮނޑި ކުޅެންތޯ މަސައްކަތްކުރަންވީ؟. ކޮބައިތޯ އެމްއެންޑީއެންއާ ބެހޭގޮތުން ބުނާ ބަހަކީ؟. ހަރުކަށި ފިޔަވަޅު އަޅާނަމޭ. ދެ ޝެއިހަކު ނުކުމެފައި ބުނާނެ ހަރުކަށި ފިޔަވަޅު އެބަ އަޅުއްވައޭ. ދެން އިވެމުންދަނީ މިކަން ތަހުގީގުކުރަނީއޭ. ކޯއްޗެއް ތަހުގީގުކުރަން މިއޮތީ؟. ހުރިހާ ވާހަކަތަކެއް އެހުރީ ފެންނަން. ހުރިހާ ލިޔުންތަކެއް އެހުރީ ފެންނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްޑީއެންގައި އުޅޭ މީހުންނާއި އެ އުފެއްދި މީހުން ތިބީ ރައީސް އޮފީހުގައި ނުވަތަ ދައުލަތުގެ އިސް މަގާމުތަކުގައި ކަމަށާއި އެހެންކަމުން އެ މައްސަލައިގެ ތަހުގީގެއް ސަރުކާރަކަށް ނުހިންގޭނެ ކަމަށެވެ. އަދި މިހާރު އެ ތަހުގީގު އެންމެ ރަނގަޅަށް ހިންގޭނީ އިދިކޮޅު ކޯލިޝަނަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަބޫލުކުރަން ޖެހެނީ މި އެމްޑީއެންއަކީ ހަގީގަތުގައި ވެސް ލާދީނީ ވިސްނުމުގައި، ލާދީނީ ފިކުރުގައި ތިބި ބައެއްކަން. މި ފިކުރު ދަމަހައްޓަން ދައުލަތުން ބޭނުންވާތީ ނޫންތޯ މި ފިކުރުގެ މީހުން މަތީ މަގާމުތަކަށް މި ގެންނަނީ. މި ފިކުރު ދަމަހައްޓަން ބޭނުންވާތީ ނޫންތޯ މި ނޫން ބަޔަކު ރައީސް އޮފީހަށް ވައްދާކަށް ވެސް ރައީސުލްޖުމްހޫރިއްޔާއަކަށް ފުރުސަތެއް ވެސް ނުލިބޭ. މި ފިކުރު ދަމަހައްޓަން ބޭނުންވާތީ ނޫންތޯ ދައުލަތުގެ އެހެން މުއައްސަސާތަކަށް، ދައުލަތުގެ އެހެން މަތީ މަގާމުތަކަށް ވެސް ހަމަ މި ފިކުރުގެ މީހެއް ނޫނީ ހޯދައި ނުއެއް ފެނޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެއް "ލާދީނީ ފިކުރު"ގެ މީހަކަށް ދައުލަތުގެ މުއައްސަސާއެއްގެ އެއްވެސް ގޮނޑިއެއްގައި އިށީންނާކަށް ވޯޓެއް ނުދެއްވާނެ ކަމަށެވެ.