ޚަބަރު

ރާއްޖޭގެ އައިއޭސީގެ އެހީތެރިކަމާއެކު މެލޭޝިއާގެ ރެފިއުޖީ ކުދިންނަށް "ސްޕޯޓްސް ޑޭ" ހަރަކާތެއް ބާއްވައިފި

މަރިޔަމް ޝަހުދާ

ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ އެހީތެރިކަމާއެކު މެލޭޝިއާގެ ރެފިއުޖީ ކުދިންނަށް ހާއްސަކޮށްގެން ''ސްޕޯޓްސް ޑޭ'' ހަރަކާތެއް ބާއްވައިފިއެވެ.

އައިއޭސީ އިން މައުލޫމާތު ދިން ގޮތުގައި ''ރެއިންބޯ އޮފް ލަވް ލާނިންގް ސެންޓާރ'' ނަމަކަށް ކިޔާ ރެފިއުޖީ ކުދިންނަށް ހާއްސަ ސްކޫލެއްގައި އެ ޖަމިއްޔާއިން ކުރިއަށްގެންދިޔަ މި ހަރަކާތުގައި މެލޭޝިއާގައި ދިރިއުޅޭ ރެފިއުޖީ ކުދިންގެ އިތުރުން ބައެއް ކުދިންގެ ބެލެނިވެރިންވެސް ބައިވެރިވިއެވެ. އަދި މި މަސައްކަތަކީ މެލޭޝިއާގެ އެންޖީއޯއެއް ކަމަށްވާ ''ލައިޓް އަޕޯން ލައިޓް''އާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށް އައިއޭސީ އިން މައުލޫމާތު ދިނެވެ.

މިމަހު 16ގައި ކުރިއަށްދިޔަ މިހަރަކާތާ ގުޅިގެން އައިއޭސީގެ ވައިސް ޗެއާމަން އަދި މީޑީއާ އެންޑް ޕްރޮޑަކްޝަން ޑިރެކްޓަރ އާދަމް ނާއިފް ވިދާޅުވީ މި ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހިޖުރަ ކުރަން މަޖުބޫރުވެ، އުނދަގޫ ހާލަތުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ ފަރާތްތަކަށް އެ ޖަމިއްޔާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ރޭވި ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތަކީ އެތައް އެންޖީއޯތަކެއް ގުޅިގެން ކުރި މަސައްކަތެއް ކަން ނާއިފް ފާހަގަކުރެއްވިއެވެ.

މިފަދަ ހަރަކާތެއް މި ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަކީ އެކުދިންނަށް އެކަމަކުން ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށް އައިއޭސީ އިން ބުނެއެވެ. އަދި މިއީ ގިނަ ދަތިތަކާއެކު ނަމަވެސް އެކުދިންގެ މިހާރުގެ މާހައުލު ބަލައިގަނެ، އަލުން ކުޑަކުދިންގެ ގޮތުގައި އުޅުމަށް އެކުދިންނަށް ފަހިވި ފުރުސަތެއް ކަމަށް އައިއޭސީ އިން ފާހަގަކުރިއެވެ.

މިއަހަރު ތެރޭ މިފަދަ އެކި ޕްރޮޖެކްޓްތަކެއް އައިއޭސީ އިން ހިންގާފައިވެއެވެ. އަދި އައިއޭސީގެ މަސައްކަތުން މުޅި ދުނިޔެއަށް ދިވެހިންގެ އޯގާތެރިކަމާއި ހިތްހެޔޮކަން ސާބިތުކޮށްދެމުން ދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.