އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅުވައިގެން ދެކެވޭ ވާހަކަތަކަކީ ރޭވިގެން ހިންގާ ފިތުނައެއް ކަމަށް މައުލޫމާތު ލިބޭ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްއަށް ސިޓީއެއް ފޮނުއްވާފައި މިވަނީ، ސިއްރުން ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މިނިސްޓަރު މަލީހުގެ ނަން، ޕީޖީ ވިދާޅުވި ކަމަށް މަޖިިލީހުގެ ބައެއް މެންބަރުންވަނީ މަޖިލީސް ފްލޯގައި ވެސް ވިދާޅުވެފައިވާތީ، އެކަން ސާފުކޮށްދެއްވުމަށް އެދި ޕީޖީއަށް މިރޭ ފޮނުއްވި ސިޓީއެއްގައެވެ.
މަލީހުގެ ޓުވިޓަރުގައި ހިއްސާކޮށްފައިވާ އެ ސިޓީގައި ވިދާޅުވެފައިވަނީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް އެމަނިކުފާނަށް އެއްވެސް ތުހުމަތެއް ކޮށްފައިނުވާއިރު އެ މައްސަލައާ ގުޅިގެން އެއްވެސް ތަހުގީގީ އިދާރާއަކަށް ވެސް ހާޒިރުކޮށްފައިނުވާ ކަމަށެވެ.
އަދި ކޮންމެ މީހަކަށް ގާނޫނޫ އަސާސީން އެމީހެއްގެ ނަމާއި އަބުރު ރައްކާތެރި ކުރުމުގެ ހައްގު ލިބިފައިވާއިރު، އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ ކަމަށް ބުނެ ބިޝާމް އެއްވެސް ވާހަކައެއް ދައްކާފައިވާނަމަ އެކަން ތަފްސީލުކޮށް ހާމަ ކޮށްދިނުމަށް ސިޓީގައި މަލީހު އެދިވަޑައިގެންފައިވެއެވެ.
އެގޮތުން އެފަދަ ވާހަކައެއް ބިޝާމް ދެއްކެވިންތޯ ނުވަތަ ނުދައްކަވަންތޯ އަންގަވާ، އެފަދަ ވާހަކައެއް ދެއްކެވިނަމަ އެކަމުގެ ތަފްސީލު ހިއްސާ ކުރެއްވުމަށާއި އަދި އޭނާއަށް ތުހުމަތެއް ކުރެވޭނަމަ އެކަމެއް ރައްޔިތުންނާއި ހިއްސާކޮށްދެއްވުމަށް ވެސް ޕީޖީ ބިޝާމަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވެއެވެ.
މި ސަރުކާރުގެ ބައެއް ވަޒީރުންނާއި މިހާރު ވެސް ތިއްބެވި ބައެއް ފަނޑިޔާރުންނާއި މިހާރުގެ މަޖިލިސްގެ ބައެއް މެންބަރުން ވެސް ހިމެނޭ ކަމަށް ޕީޖީ ބިޝާމް ސިއްރުން ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައިވާތީއެވެ.
މާލިއްޔަތު ކޮމެޓީގެ ބައްދަލްވުމުގައި މިނިސްޓަރު މަލީހުގެ ނަން، ޕީޖީ ވިދާޅުވި ކަމަށް މަޖިިލީހުގެ ބައެއް މެންބަރުން މަޖިލީސް ފްލޯގައި ވިދާޅުވެފައިވާތީ، އެކަމާ ގުޅިގެން ބިޝާމުގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.