ޚަބަރު

ކުޑަކުދިންގެ ކުށުގެ ވެށީގެ ހާލަތު ބަދަލު ކުރުމަށް ސަރުކާރުން ސިޔާސަތުތަކަކާއި އަމާޒުތަކެއް ގެންގުޅޭ: އިމްރާން

މަރިޔަމް ޝަހުދާ

ކުޑަކުދިންގެ ކުށުގެ ވެށީގެ ހާލަތު ބަދަލު ކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަކާއި އަމާޒުތަކެއް އެބައޮތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

27 ވަނަ ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކުޑަކުދިންގެ އާބާދީއާ ބަލާ އިރު، ކުށުގެ ވެށީގައި އުޅޭ ކުދިންގެ އަދަދު ކަންބޮޑުވާ މިންވަރަށް ގިނަ ކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިހާރުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަކާއި އަމާޒުތަކެއް ހުރި ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ކުޑަކުދިން ކުށުގެ ވެށީގައި އުޅުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން މިހާރުގެ ސަރުކާރުގެ ޕޮލިސީތަކެއް ހުރި ކަމަށެވެ. އަދި ފުލުހުން، ޕްރޮސިކިއުޓަ ޖެނެރަލް، ޖުުވަނައިލް ޖަސްޓްސް ޔުނިޓް، ކޯޓުތައް، ސްކޫލްތައް އަދި އެޑިއުކޭޝަން ސިސްޓަމާއި އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މި ޕޮލިސީތައް ތަންފީޒު ކުރެވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ކުޑަކުދިން ކުށްތަކުން ސަލާމަތް ކުރެވޭނީ މުޖުތަމައުއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދީގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކުޑަކުދިންނަށް އިންސާފު ހޯދައިދިނުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ބިލް ގާނޫނަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަން މިނިސްޓަރު އިމްރާން ފާހަގަކުރެއްވިއެވެ. އެގޮތުން އެ ބިލް ގާނޫނަކަށް ހެދުމަށް މިހާރު މަޖިލީހުގައި ވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތަކީ ރައީސް ސޯލިހުގެ ލަފާފުޅާއެކު ކުރެވެމުން އަންނަ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ. އެގޮތުން ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަސައްކަތުގެ ދަށުން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް މިއަހަރު މުވައްޒަފުން އިތުރުކޮށްފައިވާނެ ކަމަށާއި މަސައްކަތް ކުރުމުގެ ޖާގަ އިތުރުކޮށް، ދަތުރުކުރުމަށް ވެހިކަލް ހޯދުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓު އިންތިޒާމްކޮށްގެން ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ކުރިއަށް ގެންގޮސްފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށެވެ. މި ޕްރޮގްރާމުގައި 31 ބޭފުޅުން ބައިވެރިވި އިރު، މި ބައިވެރިންގެ ތެރޭގައި ހިމެނެނީ ފުލުހުންނާއި ނެޝަނަލް ޑްރަގް އޭޖެންސީގެ ބޭފުޅުންނާއި ކަރެކްޝަނަލް ސާވިސްގެ ބޭފުޅުންގެ އިތުރުން ތައުލީމީ ދާއިރާގެ ބޭފުޅުންނާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ބޭފުޅުން ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.