މިދިޔަ އަހަރު ޑިސެމްބަރު މަހު ހަދަމުންދިޔަ އިމާރާތަކުން ކުޑަ ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ހިނގި ހާދިސާގައި ނިޔާވި ރައުޝާން ޖިއާންގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި މީހުންގެ ތެރެއިން ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިއަހަރު ފެބްރުއަރީ މަހު 27 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅުނު މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އާއެކު ޖުމްލަ ހަ މީހެއްގެ މައްޗަށެވެ. އެގޮތުން މި ހަ މީހުންގެ މައްޗަށް ޕީޖީން ވަކިވަކިން ދައުވާ ކޮށްފައިވަނީ އެކި މައްސަލައިގައެވެ. މީގެ ތެރެއިން މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރިކަމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ކުންފުނީގެ އެމްޑީ ޝަފީގާއި ސީނިއާ ސައިޓް ސުޕަވައިޒަރު މޫސާ ހަސަންގެ މައްޗަށެވެ.
މި ދެ މީހުންގެ އިތުރުން ދެން މުޅިންވެސް ދައުވާ ކޮށްފައިވަނީ ބިދޭސީންނަށެވެ. މި މައްސަލައިގައި ދައުވާ ލިބުނު ހަތަރު ބިދޭސީންނަކީ ވެސް އިންޑިއާއަށް ނިސްބަތްވާ ހަތަރު މީހުންނެވެ. މި ހަތަރު މީހުންގެ ތެރެއިން ރައްޖާވް އަލީގެ މައްޗަށް ދައުވާ ކޮށްފައިވަނީ މީހަކު މަރުވެދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ކުށުގައެވެ. އަދި މުތުމަނި ރަމަޗަންދުރަންގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ކުށުގައެވެ.
ކެޝަރިލަލް ޗައުހާން އާއި ގުލަމް މުހައްމަދުގެ މައްޗަށް އުފުލާފައިވަނީ އެއް ދައުވާ އެކެވެ. އެއީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއްނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ކުށުގައެވެ.
މި ހަ މީހުންގެ ތެރެއިން ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ ނޫން އެހެން އެންމެންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ ނިންމަވައިފައެވެ. އަދި ކުށް ސާބިތުވި ފަސް މީހުންގެ ތެރެއިން ތިން މީހުން ޖޫރިމަނާކޮށްފައިވާ އިރު، ދެމީހަކަށް މިއަދުގެ އަޑުއެހުމުގައި ވަނީ ޖަލު ހުކުމެއް އިއްވައިފައެވެ.
މިއަދުގެ އަޑުއެހުމުގައި ޖޫރިމަނާ ދެއްކުމަށް ހުކުމް ކޮށްފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަންގެ ސީނިއާ ސައިޓް ސުޕަވައިޒަރު މޫސާ ހަސަންގެ އިތުރުން ކެޝަރިލަލް ޗައުހާން އަދި ގުލަމް މުހައްމަދުގެ މައްޗަށެވެ. ދައުލަތުގެ ފަރާތުން މޫސާ ހަސަނަށް ޖަލު ހުކުމެއް އިއްވުމަށް އެދުނު ނަމަވެސް ޝަރީއަތުން އޭނާ ޖޫރިމަނާ ކުރަން ނިންމީ އޭނާގެ ދިފާއީ ވަކީލު އެކަމަށް އެދި ހުށަހެޅުމުންނެވެ.
މި މައްސަލައިގައި ރައްޖާވް އަލީ އަދި މުތުމަނި ރަމަޗަންދުރަންގެ މައްޗަށް ވަނީ ޖަލު ހުކުމެއް އިއްވައިފައެވެ. އެގޮތުން ރައްޖާވްއަށް ހުކުމް ކޮށްފައިވަނީ އޭނާ އަކީ އެވަގުތު ސިމެންތި ބަސްތާތައް އުފުލި ވިންޗް އޮޕަރޭޓްކުރަން ހުރި މީހާއަށް ވުމުގެ ސަބަބުންނެވެ. އޭނާގެ މައްޗަށް ކޯޓުން ވަނީ ހަ އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. މުތުމަނިއަށް ޖަލު ހުކުމް އިއްވާފައިވަނީ އޭނާއަކީ ސިމެންތި ބަސްތާތައް ނެގުމަށް ރައްޖާވްއަށް އެންގި މީހާ ކަމަށް ވާތީއެވެ. އޭނާގެ މައްޗަށް އިއްވާފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
މި މައްސަލައިގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީއަށް ހުކުމެއް ނައިސް އޭނާ ސަލާމަތްވެފައިވަނީ އެ ހާދިސާ ހިނގި ދުވަހު އޭނާ ސައިޓުގައި ނެތުމުގެ ސަބަބުން ކަމަށް މިއަދުގެ ޝަރީއަތުގައި ބުނެފައިވެއެވެ. އަދި އޭނާ މި މައްސަލައާ ގުޅުން އޮންނަނީ ހަމައެކަނި އެ އިމާރާތް ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުން ކަމަށާއި ނަމަވެސް އޭނާ ސޮއިކޮށްފައިވަނީ ކުންފުނީގެ ހައިސިއްޔަތުންކަން ޝަރީއަތުގައި ފާހަގަކޮށްފައިވެއެވެ.
މިދިޔަ އަހަރު ޑިސެމްބަރު 16 ވަނަ ދުވަހު މި ހާދިސާ ހިނގާފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަނުން މ. ނަލަހިޔާމަންޒިލްގައި އިމާރާތްކުރަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ޖިއާންގެ ބޮލަށް ވެއްޓިގެންނެވެ. ޖިއާން މަރުވެފައި ވަނީ އޭގެ އަނެއް ދުވަހު، ބޮލަށް ސިމެންތި ބަސްތާ ވެއްޓުމުން ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށެވެ.