ޚަބަރު

ސަރުކާރުގެ ވަޒީފާތަކުގައި ތިބި އެމްޑީއެންގެ މީހުން މިހާރުން މިހާރަށް ވަކިކުރަންޖެހޭ: ޝިޔާމް

ޝަހީދާ އަބްދުﷲ ސައީދު

ސަރުކާރުގެ ވަޒީފާތަކުގައި ތިބި އެމްޑީއެންގެ މެމްބަރުން މިހާރުން މިހާރަށް ވަޒީފާތަކުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސަރުކާރަށް ގޮވާލައްވައިފިއެވެ.

ޝިޔާމް މިހެން ވިދާޅުވީ، އެމްޑީއެންގެ ބޯޑު މެމްބަރުންގެ ފުރިހަމަ މައުލޫމާތާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެ ޖަމިއްޔާގައި އުޅުއްވި މުއްދަތު ހޯދުމަށް އެދި އިދިކޮޅު ފަރާތްތަކުން ޔޫތު މިނިސްޓްރީއަށް ސިޓީ ހުށަހެޅުއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.

ޝިޔާމް ވިދާޅުވީ ރާއްޖެއިން އިސްލާމް ދީން ފުހެލަން ބަޔަކު މަސައްކަތް ކުރާ މަންޒަރު މިއަދު ފެނިގެންދާ ކަމަށާއި އެކަމާ ދެކޮޅަށް އަޑުއުފުލާ ރައްޔިތުންނަށް ސަރުކާރުން ބިރު ދައްކަމުންދާ ކަމަށެވެ. އަދި އެމްޑީއެން އުވާލުމަށް ގޮވާލައި އެ ޖަމިއްޔާގެ މެމްބަރުންގެ ތެރެއިން ސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި މެމްބަރުން ވަގުތުން ވަކިކުރުމަށް އޭނާ ގޮވައިލެއްވިއެވެ.

''އިތުރަކަށް ކުރާނެ ތަހުގީގެއް މިކަމުގައި ނެތް. ސަރުކާރުގެ ތެރޭގައި ތިބި އެމްޑީއެންގެ ހުރިހާ މެމްބަރުން ހަމަ މިހާރުން މިހާރަށް ވަޒީފާތަކުން ވަކިކުރުމަށް ސަރުކާރަށް ގޮވައިލަން. މިއަދާ ހަމައަށް އައި އިރުވެސް އެ މައްސަލަ ބަލާ ކަމަށް ބުނެ ދިގު ދަންމަމުންދާތީ ރައްޔިތުން ނުހަނު ކަންބޮޑުވޭ. އެމްޑީއެން އުވާލަންޖެހޭ، އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ،'' އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެމްޑީއެން މަސައްކަތް ކުރަނީ އިސްލާމް ދީން ފުހެލަން ކަމަށާއި އެފަދަ ޖަމާއަތެއްގެ އިސް މެންބަރެއްގެ ގޮތުގައި ސީޕީ ހަމީދު މަސައްކަތް ކުރެއްވި ކަމަށް ފުލުހުން އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން އެ ޖަމާއަަތުގެ ހަގީގަތް ދިވެހިންނަށް އެނގެން ޖެހޭ ކަމަށް ވިދާޅުވިއެވެ.