ޝަހީދާ އަބްދުﷲ ސައީދު
ގުޅީފަޅު ހިއްކުމަށް ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ބޮސްކާލިސް އިންވެސްޓްމެންޓަށް ދިނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިކޮނޮމިކް ކައުންސިލާ މަޝްވަރާކުރުމަށްފަހު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ބިޑު ކުރުމަކާ ނުލައި ގުޅީފަޅު ހިއްކަން ބޮސްކާލިސްއަށް ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ބިޑަކާ ނުލައި މަސައްކަތް ހަވާލު ކުރާނަމަ ހިޔާނާތަށް މަގުފަހިވާ ކަމަށާއި އެހެންކަމުން މިސަރުކާރާ ހަވާލުވުމަށް ފަހު ފުރަތަމަ ކަމަކަށް ބިޑު ކުރުމަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭނެ ގޮތުގެ އުސޫލެއް ސަރުކާރުން ގެޒެޓުކޮށްފައިވާ ކަމަށެވެ.
އަދި ގުޅީފަޅު ހިއްކަން ބޮސްކާލިސްއަށް ދިނުމުގެ ކުރިން އެކަމާ ބެހޭ ގޮތުން އިކޮނޮމިކް ކައުންސިލުގައި ވެސް މަޝްވަރާކޮށް ހިޔާލު ހޯދާފައިވާނެ ކަމަށާއި އެކަމުގައި ކޮރަޕްޝަން ނުހިމެނޭކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަމީރު ވިދާޅުވިއެވެ.
''ބިޑުކުރުމަކައި ނުލައި އިކޮނޮމިކް ކައުންސިލުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ޕްރޮޖެކްޓެއް ނަމަ އެގޮތަށްވެސް ކުރިއަށް ގެންދަން. އެ އުސޫލުގެ ތެރެއިން ކައުންސިލުން ނިންމާފައިވަނީ ގުޅީފަޅު ޕޯޓް ޕްރޮޖެކްޓުގެ ދަށުން އެ ސަރަހައްދު ހިއްކަން ބޮސްކާލިސްއާ ހަވާލުކުރަން. އެ މަސައްކަތް ކުރީ ހަމަ ރަނގަޅަށް އިވެލުއޭޓުކޮށްގެން އެއީ ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ވާތީ އަޅުގަނޑުމެން އެބަ ބޭނުންވޭ އެ މަސައްކަތް އަވަސް ކުރަން. އިންޑިއަން އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ ތެރެއިން އަޅުގަނޑުމެން އެބަ ބޭނުންވޭ އެ މަސައްކަތް ޖޫން މަހުގެ ކުރިން ޕޯޓު ޕްރޮޖެކްޓުގެ މަސައްކަތް ފަށަން. ވީހާވެސް އޯޕަންކޮށް ޓްރާންސްޕޭރަންޓްކޮށް ކުރެވޭނެ ގޮތަށް މިހާރުވެސް އަޅުގަނޑުމެން ވާނީ ގަވައިދެއް އެކުލަވާލައި ގެޒެޓްކޮށްފައި،'' މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި، ބޮސްކާލިސްއަށް މަޝްރޫއު ހަވާލު ކުރުމަށް އިކޮނޮމިކް ކައުންސިލުން ދިރާސާ ކުރި އިރު އެމްޓީސީސީއަށް ވުރެ އަގުހެޔޮކޮށް، އަވަހަށް މަސައްކަތް ނިންމަން ހުށަހަޅާފައިވެއެވެ. އަދި ޕޯޓް ސިޓީގެ މަޝްރޫއު އަވަހަށް ނިންމަން ސަރުކާރުން އަމާޒު ހިފާފައިވާ އިރު އެ ކުންފުންޏާ ހަަވާލުކޮށްގެން ދައުލަތުގެ މާލިއްޔާތަށް ގެއްލުމެއް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ގުޅީފަޅުގައި ޕޯޓު އެޅުމަކީ ޑަޗްގެ އައިއެންޖީ ބެންކުގެ ފައިނޭންސިން ވެސް ލިބިގެން ހިންގަން ބޭނުންވާ މަޝްރޫއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ބޭންކުން ހުށަހަޅަނީ އެ ގައުމުގެ ކުންފުންޏަކަށް އެ މަޝްރޫއު ހަވާލު ކުރުން ކަމަށާއި ބޮސްކާލިސްއަށް އެ މަޝްރޫއު ދިނީ އެހެންވެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''ބޮސްކާލިސްއަށް ގުޅީފަޅު ދިނީ ކޮރަޕްޝަނަށް ފަހިވާ ގޮތަކަށްނޫން. އެމްޓީސީސީގެ ޑްރެޖަރު އެއީ އޮޕްޝަނެއް ނޫން. އެމްޓީސީސީގެ ޑްރެޖަރަށް ވުރެ ތިން ގުނަ ބޮސްކާލިސްގެ ޑްރެޖަރު ބޮޑު. އެމްޓީސީއަށް ދީގެން ދެއަހަރު ތެރޭގައި މަސައްކަތެއް ނުނިންމޭނެ،'' އަމީރު ވިދާޅުވިއެވެ.
ބޮސްކާލިސް ވެސްޓްމިންސްޓާ ލިމިޓެޑަށް ގުޅީފަޅުގައި ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކައި، އަދި ހަތަރު ކިލޯމީޓަރުގެ ތޮއްޓެއް ލުމަށް ހަވާލުކުރީ 180 ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް އެ މަސައްކަތް ހަވާލުކުރީ ބިޑް ނުކޮށެވެ. ބިޑުނުކޮށް ބޮސްކާލިސްއަށް މަސައްކަތް ހަވާލުކުރި މައްސަލަ އޭސީސީން ބަލަމުންދާ އިރު، މަޖިލީހުގެ މާލިއްޔަތު ކޮމެޓީންވެސް އެ މައްސަލަ ބަލާނެ ކަމަށް ބުނެފައިވެއެވެ.
މާލިއްޔަތު ގަވައިދުގެ 10.27 (ށ) ގައި ބުނާގޮތުން ބޭރުގެ ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގިދާނެއެވެ.
އެގޮތުން މަޝްރޫއު ހަވާލުކުރެވޭ އިރު އެ ފަރާތަކީ މާލީގޮތުންނާއި ފަންނީ ގޮތުން އެ މަޝްރޫއެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަންވާނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.