އިބްރާހިމް ޒަކީ
އެމްއެމްޕީއާރުސީގެ ހިޔާނާތާއި، ގޮތްނޭނގޭ މަރުތަކުގައި ތުހުމަތު ކުރެވޭ، މި ސަރުކާރުގައި ތިއްބެވި ވަޒީރުންނާއި، މަޖިލިސް މެންބަރުންގެ މައްސަލަ ތަހުގީގުކޮށް އެއީ ކޮން ބޭފުޅުންނެއްކަން ހާމަކޮށް އެ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީ ގެ ބޮޑު ހިޔާނާތާއި ގޮތްނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލްވާ މީހުންގެ ނަންތައް ހާމަކޮށް އެމީހުންނާ މެދު ވަގުތުން ފިޔަވަޅު އަޅަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަމުން އީވާ ވިދާޅުވީ، ހިޔާނާތުގައި ބައިވަނީ ރައީސް ޔާމީންގެ ވަޒީރުންނޭ ކިޔައިގެން ތިބެވެން ނެތް ކަމަށެވެ.
"ފައިސާ ލިބުނު މީހުންގެ ގޮތުގައި މިއަދުގެ ސަރުކާރުގެ ކެބިނެޓްގެ މެންބަރުން އެބަތިއްބޭ ޕީޖީ ވިދާޅުވ، މިއަދުގެ ކޯޓުތަކުގެ ފަނޑިޔާރުން އެބަތިއްބޭ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބަތިއްބޭ، އެހެންވީމަ އަޅުގަނޑުމެން އެންމެންވެސް ވާހަކަދައްކާއިރު ޔާމީނުގެ ވަޒީރުންނޭ އެހެން ކިޔައިފަކާ ނިންމާލައިގެން ނުވާނެ، އޭރު އެ ހިޔާނާތުގައި ޖެހުނު މީހުންގެ މައްސަލަ ބަލަންޖެހޭނެ، އެކަމަކު އަޅުގަނޑުމެންގެ ސަރުކާރުގައި ވެސް މިއަދުގެ ދައުލަތުގެ ކޯޓުތަކުގައި ވެސް އަދި މި ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ހިޔާނާތުގައި ޖެހިފަތިބި މީހުން ތިބިއްޔާ އެކަން އަޅުގަނޑުމެން ތަހުގީގު ކޮށް ހާމަކުރަންޖެހޭނެ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް އެއީ،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންގެ ވާހަކަ ޕީޖީ މަޖިލީހަށް އައިސް ވިދާޅުވުމުން އެއީ ނުހިނގާކަމެއް ކަމަށް ހަދައިގެން ތިބެވެން ނެތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އިސް ޕްރޮސިކިއުޓާ ޖެނެރަލް އެހެން ވިދާޅުވީމާ ދެން އެކަމައިގެން އުޅުމަކީ އަޅުގަނޑުމެންގެ ޒިނއްމާއެއް، ޕްރޮސިކިއުޓާ ޖެނެރަލް އެއީ ވިދާޅުނުވާ ވާހަކައަކަށް ހަދައިގެން އަޅުގަނޑު މެންނަކަށް ނުތިބެވޭނެ، ޕީޖީއައިސް ވިދާޅުވީމަ އެއީކީނުހިނގާ ކަމެއް ކަމަށް ހަދައިގެން އަޅުގަނޑުމެންނަ ކަށް ނުތިބެވޭނެ، އެނަންތައް އެބަ ހާމަވާންޖެހޭ"
އީވާ ވިދާޅުވީ، ކޯލީޝަންސަރުކާރެއްގައި ތިއްބެކޭ ކިޔައިފަ އެއީ ނުހިނގާކަމެއް ކަމުގައި ހަދައިގެން ނުތިބެވޭނެ ކަމަށެވެ.
"ކޯލީޝަން ސަރުކާރެެއްގައި އަޅުގަނޑުމެން ތިބިއްޔެކޭ ކިޔައިގެން މިއިދު އަޅުގަނޑުމެން ވެރިކަމުގައި ތިބިއެކޭ ކިޔައިގެނެއް މީ ނުހިނގާ ކަމަކަށް ހަދައިގެން ނުތިބެވޭނެ، އަޅުގަނޑު މިދަންނަވާ ވާހަކައަކީ މިއަދުގެ މި ދައުލަތުގައި މއަދުގެ ސަރުކާރުގެ ތެރޭގައި އެ ހިޔާނާތުގައި ޖެހިފަތިބި މީހުންތަކާއި ނުވަތަ ގޮތްނޭނގޭ މަރުތަކުގައި އަތެއް ދިއްކޮށްލައިފަ ހުރި މީހަކުވެސް މިއަދުގެ ދައުލަތުގެ އެއްވެސް ވަޒީފާއެއްގައި ތިބިއްޔާ އެކަންކަން ހާމަކޮށް އިންސާފަށް ގެނައުމަކީ އަޅުގަނޑުމެންގެ ކަމެއް،" އީވާ ވިދާޅުވިއެވެ.