އިބްރާހިމް ޒަކީ
ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ޕްރެޒިޑެންޝަލް އޮން ކޮރަޕްޝަން އެންޑް ސްޓޭޓް އެސެޓް ރިކަވަރީ ގެ އިސްބޭފުޅުން ގުޅިވަޑައިގެން އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ މައުލޫމާތު މިއަދު ހާމަކުރަން ނިންމައިފިއެވެ.
ފުލުހުން މިއަދު ބުނީ، މިކަމާބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިއަދު 4:30 ގައި އިސްކަންދަރު ކޮށީގެ މަލްޓި ޕާޕަސް ހޯލުގައި އޮންނާނެ ކަމަށެވެ.
މި ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ، ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވާނީ، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި އެސިސްޑެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒުއެވެ.
އޭސީސީގެ ފަރާތުން މައުލޫމާތު ދެއްވާނީ އެ ކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާ އެވެ.
އަދި އަދި ޕްރެޒިޑެންޝަލް އޮން ކޮރަޕްޝަން އެންޑް ސްޓޭޓް އެސެޓް ރިކަވަރީގެ ފަރާތުން މައުލޫމާތު ދެއްވާނީ އެ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގާބެހޭ މައުލޫމާތު ހާމަކުރަން ނިންމާފައިމި ވަނީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް މިސަރުކާރުގެ ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވިކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް ވިދާޅުވެފައި ވަނިކޮށެވެ.
މި ކަމާ ގުޅިގެން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގޮތްނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލްވާ މީހުންގެ ނަންތައް ހާމަކޮށް އެމީހުންނާ މެދު ވަގުތުން ފިޔަވަޅު އަޅަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައި އިއްޔެ ވަނީ ބަހުސްވެސް ކޮށްފައެވެ.
މި މައްސަލައަށް ބަހުސް ކުރަމުން ބައެއް މެންބަރުން ވިދާޅުވީ، އެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން އަދިވެސް މިނިވަން ކަމާއެކު މުޖުތަމައުގައި އުޅެމުންދާ ކަަމަށެވެ. އަދި އެއީ ވަރަށްބޮޑު ނުރައްކަލެއް ކަމަށްވެސް ބުނެފައިވެއެވެ.
އެމްޑީޕީގެ މެންބަރުން ވިދާޅުވީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ. އަދި އެ މައްސަލަ މަޖިލީހުން ތަހުގީގުކޮށް އެ މީހުންގެ ނަންތައް ހާމްކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.