ޝަހީދާ އަބްދުﷲ ސައީދު
ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ މެރިޓައިމް ޑިޒާސްޓާ ޕްރިވެންޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި، ކަނޑުމަތީގެ ހާދިސާތަކުން ދުރާލާ ރައްކާތެރިކަން ހޯދުމާއި އެފަދަ ކަންކަމަށް ތައްޔާރުވުމާ ބެހޭ ދާއިރާއިން ޖަޕާނުން ހޯދާފައިވާ ކުރިއެރުންތަކާބެހޭ މައުލޫމާތު ހޯއްދަވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ޖަޕާނުގެ ޔޮކޮސުކާގައި ހުންނަ މެރިޓައިމް ޑިޒާސްޓާ ޕްރިވެންޝަން ސެންޓަރަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހެނދުނު ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ އެ ސެންޓަރުގެ ރައީސް ނަޖަޖްމާ ސަޓޯޝީއެވެ. އަދި އެސެންޓަރުގައި ތަމްރީނު ފުރިހަމަ ކުރަމުންދާ އެމްއެންޑީއެފްގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެމީހުންގެ ތަމްރީނާގުޅޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވިއެވެ.
މެރިޓައިމް ޑިޒާސްޓާ ޕްރިވެންޝަން ސެންޓަރުގައި ހިންގޭ ތަމްރީނު ޕްރޮގްރާމުތަކުގެ ތެރޭގައި ތެޔޮ ލީކުވުންފަދަ ހާދިސާތައް ކޮންޓްރޯލް ކުރުމާއި އަލިފާން ނިއްވުމާ އަދި ވިހަ މާއްދާތައް ލީކްވެ ފެތުރިގެންދާ ހާލަތުގައި އެފަދަ މާއްދާތަކުން ރައްކާތެރިކަން ހޯދުންފަދަ ވަރަށް ފުރިހަމަ ތަމްރީނު ޕްރޮގްރާމުތައް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި އޮއިލް ސްޕިލް ކޮންޓްރޯލް ޓްރެއިނިން ސްޓޭޝަން އަދި އައްސޭރިފަށް ސާފުކުރުމުގެ ތަމްރީނުތައް ކުރިޔަށްގެންދާ ސަރަހައްދަށް ވެސް ޒިޔާރަތްކުރެއްވިއެވެ. މިޒިޔާރަތުގައި މެރިޓައިމް ޑިޒާސްޓާ ޕްރިވެންޝަން ސެންޓަރުން ކުރިޔަށްގެންދާ ތަމްރީނުތަކާ ބެހޭ މައުލޫމާތު އެ ސެންޓަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.
މިއަހަރުގެ ކުރީކޮޅު ޖަޕާނު ސަރުކާރުން ވަނީ އަލިފާން ނިއްވުމަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި 2018 ވަނަ އަހަރު އެގައުމުން ވަނީ ތެޔޮ ލީކުވުން ފަދަ ހާދިސާތައް ކޮންޓްރޯލުކުރުމަށް ބޭނުންވާ ބައެއް ސާމާނު ވެސް ރާއްޖެއަށް ހަދިޔާކޮށްފައެވެ.
ކާރިސާތަކުން ރައްކާތެރިވުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ޖަޕާނުން އަންނަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން މާލެ ވަށައިގެން ލާފައިވާ ތޮށްޓަކީ ވެސް މިދާއިރާއިން ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެހީއެކެވެ.