ޝަހީދާ އަބްދުﷲ ސައީދު
ފިކުރީ ހައްދު ފަހަނައެޅުމާއި ދެކޮޅަށް ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަށް ސުކޫލުތަކުގެ އިސްވެރިން އަހުލުވެރިކުރުވުމަށްޓަކައި މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ބުނީ، "ފިކުރީ ހައްދު ފަހަނައެޅުމާއި ދެކޮޅަށް މަސައްކަތްކުރުމުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރު" މިނަމުގައި ހިންގާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކުގެ ހަތް ވަނަ ޕްރޮގްރާމް ފުވައްމުލަކުގެ ހަތަރު ސްކޫލްގެ ޕްރިންސިޕަލުންނާއި އިސްވެރިންނަށް ހިންގާފައިވާކަމަށެވެ.
ފިކުރީ ހައްދު ފަހަނައެޅުމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ތައުލީމީ ދާއިރާ އަހުލުވެރިކުރުމަށްޓަކައި އެޑިއުކޭޝަން އާއި ޔޫ.އެން.ޑީ.ޕީ އާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބާއްވާ މަސައްކަތު ބައްދަލުވުން ބޭއްވީ ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލް ޓީޗާސް ރިސޯސް ސެންޓަރުގައެވެ.
މި މަސައްކަތު ބައްދަލުވުން އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި، އާތިޔާ ނަސީރުގެ ވާހަކައިގައި މި މަސައްކަތުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރުގެ މުހިއްމުކަން ފާހަގަ ކުރައްވައި އެކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން ސްކޫލް ދަރިވަރުންގެ މެދުގައި ދިވެހިރާއްޖޭގައި ފިކުރީ ހައްދުފަހަނައަޅައި ދިއުން އޮތް މިންވަރަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ރަނގަޅު މަގުދައްކައިދިނުމަކީ ތައުލީމީ ދާއިރާގައި ކިޔަވައިދޭ ފަރާތްތަކުގެ މައްޗަށް ލާޒިމް ކުރާކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމަކީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި އެޑިޔުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި އެމްއެންޑީއެފް ސަދަން އޭރިއާ އަދި ޔޫއެންޑީޕީ މޯލްޑިވްސް އާއި އިސްލާމިކް ޔުނިވާސިޓީ ގުޅިގެން ޖަޕާނު ސަރުކާރުގެ އެހީގައި، ހިންގާ ޕްރޮގްރާމެކެވެ.
އެއް ދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވަނީ އެން.ސީ.ޓީ.ސީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބޭފުޅުންގެ އިތުރުން މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ ގެ ވައިސް ޗާންސެލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ. މިފަހަރުގެ ޕްރޮގްރާމްގައި ފުވަމުލަކު ހަތަރު ސްކޫލަކުން 28 މީހުން ބައިވެރިވިއެވެ.
ތައުލީމީ ދައިރާގައި މަސައްކަތް ކުރައްވާ އިސްބޭފުޅުންނަށް އަމާޒުކޮށްގެން ހިންގާ މި ސިލްސިލާ މަސައްކަތު ބައްދަލުވުން، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި "ގްރޭޓަރ މާލެ" ސަރަހައްދުގެ ސްކޫލްތަކާއި، އައްޑޫ ސިޓީގެ ސްކޫލްތަކާއި، ހުވަދުއަތޮޅު ދެކުނުބުރީގެ ސްކޫލްތަކާއި އަދި ތިލަދުންމަތީ ދެކުނުބުރީގެ ސްކޫލްތަކާއި ހައްދުންމަތީގެ ސްކޫލްތަކާއި މާޅޮސްމަޑުލު ދެކުނު ބުރީގެ ސްކޫލްތަކުގައި މަސައްކަތްކުރައްވާ އިސްބޭފުޅުންނަށް ހިންގާފައިވެއެވެ.