އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބުދުﷲ ގެ މައްސަލަ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ހަމަޖައްސައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ، ފަނޑިޔާރު އާދަމް މުހައްމަދު އަބުދުﷲ އާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާ، އާއްމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެއްސީ، އެފަރާތުން އެދިވަޑައިގެންފައި ވާތީ ކަމަށެވެ.
އެހެންކަމުން މި އަޑުއެހުން އަންނަ އާދިއްތަދުވަހު ގެ 2:00 ގައި ޖުޑީޝަލް ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަން (ޕޯސްޓް ބިލްޑީންގ ހަ ވަނަ ފަންގިފިލާ) ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ބުނީ، އެ ދުވަހުގެ އަޑުއެހުމަށް ވަނުމުގެ ފުރުސަރު، ޖާގަ އޮތް ވަރަކުން އާއްމުންނާއި މީޑިއާތަކަށް ލިބޭނެ ކަމަށެވެ.
އަދި އަޑުއެހުމަށް ވަންނަން ބޭނުންވާ ފަރާތްތަކުން އައިޑެންޓިފިކޭޝަން ކާޑު ގެންނަންޖެހޭނެ ކަމަށާއި ގަޑި ޖެހުމުގެ 15 މިނިޓް ކުރިން މާލަމަށް ހާޒިރުވާން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ ކުރިން ވެސް ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ބަލައި ޖޭއެސްސީއިން ވަނީ ނަސޭހަތް ދޭން ނިންމައިފަ އެވެ.
ނަމަވެސް ޖޭއެސްސީގެ ނަސޭހަތް ގަބޫލުފުޅު ނުކުރެއްވުމަށް ފަނޑިޔާރު ވަނީ ނިންމަވައިފައެވެ.
ފަނޑިޔާރުގެ މައްސަލަ މިފަހަރު މި ބަލަަނީ އެ މައްސަލައާ ގުޅިގެންނެވެ.