ޚަބަރު

"އެން އަޕްޑޭޓް އޮން ޓްރާންސްފިއުޝަން މެޑިސިން" ނިންމާލައިފި

ޝަހީދާ އަބްދުﷲ ސައީދު

އެސްޓީއޯއިން ސްޕޮންސާކުރި ''އެން އަޕްޑޭޓް އޮން ޓްރާންސްފިއުޝަން މެޑިސިން" މިދިޔަ ހޯމަ ދުވަހު ނިންމާލައިފިއެވެ.

އެސްޓީއޯއިން މައުލޫމާތުދިން ގޮތުގައި، މިމަހުގެ 19 އިން 21 ގެ ނިޔަލަށް ހޮޓެލް ޖެން އާއި އައިޖީއެމްއެޗްގެ އޯކިޑް ހޯލުގައި މި ސެޝަން ތައް ކުރިޔަށް ގެންގޮސްފައިވަނީ ޓްރޭނިން އާއި ސީ.އެމް.އީ ހިމެނޭގޮތަށެވެ.

އައިޖީއެމް އެޗް ގެ ލެބޯޓްރީ މެޑިސިން، ނޭޝަނަލް ހެލްތު ކެއަރ އެކަޑެމީ އަދި އޭޝިއަން އެސޯސިއޭޝަން އޮފް ޓްރާންސްފިއުޝަން މެޑިސިންގެ އިތުރުން އެސްޓީއޯ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ސްޕޮންސާ ކޮށް އިންތިޒާމް ކުރުމުގައި އެސްޓީއޯއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އައިޖީއެމްއެޗް ގްރޫޕް އޮފް ހޮސްޕިޓަލްސް، މޯލްޑިވިއަން ބްލަޑް ސާވިސް، ހުޅުމާލޭ ހޮސްޕިޓަލް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ފުވައްމުލަކު ހޮސްޕިޓަލް، އޭ.ޑީ.ކޭ، އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ލެބޯޓްރީ ޓެކްނޮލޮޖިސްޓުން އަދި ނަރުހުންނާއި އެކު 150 އެއްހާ މީހުން މި ޕްރޮގްރާމްގައި ބައިވެރިވި ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމްގައި މި މަހުގެ 19 ވަނަ ދުވަހު ކުރިޔަށްގެންދިޔަ "ޓްރޭނިން ޕްރޮގްރާމް އޮން ކްލިނިކަލް ޓްރާންސްފިއުޝަންއެންޑް ލެބޯޓްރީ ޕްރެކްޓިސަސް" އަކީ ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށް ހާއްސަކޮށްގެން ގެންދެވުނު ސެޝަނެކެވެ.

މީގެ އިތުރުން ޓްރާންސްފިއުޝަން ޕްރެކްޓިސަސްގެ އަޕްޑޭޓްތަކާއި ބެހޭގޮތުން ޑޮކްޓަރުންނަށް އެނގެންޖެހޭ ބައިތަކަށް ހާއްސަ ކޮށްގެންވެސް ޑޮކްޓަރުންނަށް ހާއްސަ ސެޝަންތަކެއްވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން ޓްރާންސްފިއުޝަން އެންޑް ޕޭޝަންޓް ކެއާ ގައި ނަރުހުންނަށް ކޮންމެހެން އެނގެންޖެހޭނޭ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަނެއްވެސް ކުރިޔަށް ގެންދިޔައެވެ.