ކުރިއަށް އޮތް ތަނުގައި، ސަރުކާގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންނަށް އެ ކުދިންގެ ކޯސް ފީ ޔުނިވާސިޓި އަދި ކޮލެޖަށް ދިނުމުގެ ބަދަލުގައި ކުދިންގެ އަތައް ދޭގޮތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަ ދައްކަަމުން މިނިސްޓަރ ވިދާޅުވީ މިހާރު އަމަލުކުރަމުންދާ އުސޫލަކީ އެ ކުއްޖަކު ކިޔަވާ ކޮލެޖް ނުވަތަ ޔުނިވާސްޓީއަށް މިނިސްޓްރީން އެ ދަރިވަރެއްގެ ކޯސްފީ ހަވާލުކުރުން ނަމަވެސް އެ އުސޫލު ބަދަލުކޮށް އެ ދަރިވަރެއްގެ އަތައް ކޯސް ފީ ދޭ ގޮތައް ހަމަޖެއްސުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
މި އުސޫލަށް އަމަލުކުރަން ފަށާނެ ވަކި ތާރީހެއް ނުބުނި ނަމަވެސް މިނިސްޓަރ ވިދާޅުވީ އެ ކަމުގެ މައުލޫމާތު ކޮލެޖުތަކާއި ޔުނިވަރސިޓިތަކާއި މިހާރު ހިިއްސާކޮށް، މަޖިލީހުގެ ކޮމެޓީގައިވެސް އެ ވާހަކަ ދަންނަވާފައި ވާނެ ކަމަށެވެ.
"މިހާތަނަށް ފައިސާދެމުން އަންނަނީ އެކުއްޖަކު ކިޔަވާ ޔުނިވާސިޓިއަށް ނުވަތަ ކޮލެޖަށް. އެކަން ކުރާއިރު ވާގޮތަކީ އެޕްލިކޭޝަން ޕްރޮސެސް ފުރިހަމަވީމަ، އެ ދަރިވަރަކު ކިޔަވާ މަރުކަޒަށް މި އަންގަނީ އިންވޮއިސް ފޮނުވަން. އިންވޮއިސް ލިބުނީމަ އަޅުގަނޑުމެންނަށް އެ ޔުނިވާސިޓިއަކަށް ފައިސާ ދެއްކޭނީ. އެއީ ގާނޫނު އަޅުގަނޑުމެންނަން އެކަން ކުރަން ތަން ދޭ ގޮތް"
ބައެއް ފަހަރު އެކި ކަންކަމާ އިންވޮއިސް ލިބުން ލަސްވާ ކަމަށާއި އެކަހަލަ ހާލަތްތަކުގައި ފައިސާ ނުދެއްކޭކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް ޓަކައި މުސްތަގުބަލުގައި ހިލޭ ޑިގްރީގެ ފައިސާ ސީދާ ދަރިވަރުންނަށް ދޭގޮތައް ހަމަޖައްސާފައިވާ ކަމަށެވެ.
ސަރުކާރުގެ މައިގަނޑު އަސާސަކީ ކިޔަވާ ކުދިންނަށް ލުއިފަސޭހަ ކޮށްދިނުން ކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ، "ކޮންމެ ސެމިސްޓަރ އެއް ފެށޭއިރު، އެ ސެމިސްޓަރަކަށް ދަރިވަރުން އެންރޯލްވީމަ އެ ސެމިސްޓަރަކަށް ލިބެންޖެހޭ ފައިސާ ދޭނީ ދަރިވަރުންގެ އަތައް. އޭރުން އެ ޕްރޮސެސް ކުރުވެގެން ފަސޭހަވެގެންދާނެ" ކަމަށެވެ.
ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގައި ހިމެނޭ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގުރާމު މިއަހަރުގެ ފެބްރުއަރީ މަހު ފަށާފައިވާއިރު މިނިސްޓަރ ވިދާޅުވީ މި ސްކީމަށް މިހާތަނަށް 24 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
މި ސްކީމުގައި ފުރަތަމަ ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޕްރޮސެސްގައި ހާޑުކޮޕީ ހުށަހަޅަން ޖެހުން ކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ މިހާރު އެކަން އޮތް ގޮތް ބަދަލުކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އޮންލައިންކޮށް އެޕްލައި ކުރެވޭނެ ގޮތައް އެކަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފުރަތަމަކޮޅު މި ސްކީމަށް އެޕްލައިކުރާ ދަރިވަރުން މަދުވި ނަމަވެސް އެޕްލައި ކުރުމުގެ ޕްރޮސެސް ފަސޭހަކޮށް، މި ކަމާ ގުޅޭ މައުލުމާތު ދަރިވަރުންނަށް ދިނުމުގެ ސަބަބުން ސްކީމަށް އެޕްލައިކުރާ ދަރިވަރުން ވަރަށްބޮޑުތަން އިތުރުވެފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ސްކީމުގެ ދަށުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންގެ އަތުން އެއްވެސް އެއްޗެއް ކޯސް ފީގެ ގޮތުގައި ދައްކާކަށް ނުޖެހެއެވެ. ނަމަވެސް ޕްރައިވެޓް ކޮލެޖް ތަކުގައި ކިޔަވާ ކުދިންނަށް ސަރުކާރުން ދައްކައިދެނީ ކޯސް ފީގެ ވަކި މިންވަރެކެވެ.