ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އޮސްޓްރޭލިއާގެ ނޫސްވެރިން ޒިޔާރާތް ކޮށްފި

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ ފަތުރުވެރިކަން އަމިއްލައަށް ތަޖުރިބާކޮށް، އިޝްތިހާރު ކުރުމުގެ ގޮތުން އޮސްޓްރޭލިއާގެ ނޫސްވެރިން ހިމެނޭ ޓީމެއް މިދިޔަ އާދިއްތަ ދުވަހު ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ބުނީ ނޫސްވެރިންގެ މި ދަތުރަކީ ފުޅާ ދާއިރާއެއްގައި ރާއްޖެ އިސްތިހާރު ކުރުމަށް އެ ކުންފުނިން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން 15 ވަނަ ދަތުރު ކަމަށެވެ.

މި ޓީމް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގައި މަޑުކުރާނެ ކަމަށާއި މި ޓީމް ތިބުމަށް ހަމަޖައްސާފައިވަނީ ސީކްރެޓް ޕެރެޑައިސް، ޔޮޓް މޯލްޑިވްސް އަދި އެމެރެލްޑް މޯލްޑިވްސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

މި ދަތުރުގައި، ރާއްޖޭގެ ގެސްޓްހައުސް ތަކާއި، ސަފާރީތަކުގެ އިތުރުން ރިސޯޓުތަކުގެ ތަފާތު ހިދުމަތްތަކުގެ ތަޖުރިބާތައް ނޫސްވެރިންގެ ޓީމުން ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މި ޓީމުގައި ހިމެނެނީ އެކްސްޕޭ، ވެސްޓް އޮސްޓްރޭލިއަން، މޭރީ ކްލެއާރ، ޓްރެވަލާރ އަދި ހޫ މެގަޒިން އަށް ލިޔާ ތަޖްރިބާކާރު ނޫސްވެރިން ކަމަށާއި ދަތުރުގައި ކުރާ ތަޖުރިބާތައް މި ޓީމުން މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ޝާއިއު ކުރުމަަށް ހަމަޖައްސާފައިވާ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް ކުރިއެރުވުމަށް މިހާރުވެސް ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނައިރު އެމްއެމްޕީއާރުސީން ބުނީ އެ ކުންފުނީގެ އުންމީދަކީ މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުވެގެން ދިއުން ކަމަށެވެ.

އޮސްޓްރޭލިއާ އަކީ ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެ ބޮޑު އެއް މާކެޓެވެ. މިއަހަރު ޖެނުއަރީން ފެށިގެން އޮގަސްޓްމަހުގެ ނިޔަލަށް އެ ގައުމުން ވަނީ 26496 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަލައިބަލާއިރު 10.7 އިންސައްތައިގެ ކުރިއެރުމެކެވެ.