ވަޒީފާއިން ވަކި ކުރުމުގެ ނޯޓިސް، ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް މުވައްޒަފުންނަށް ދީފި އެވެ.
އެ މުވައްޒިފުންނަށް ނޯޓިސް ދީފައި މިވަނީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތް ހޯދަން އަންނަ ރައްޔިތުންނާމެދު އިހާނެތިކޮށް ހިތައި، ދަށްފެންވަރުގެ ހިދުމަތްދޭ މުވައްޒިފުންނާމެދު، މަގާމުގައި ހުންނެވިހާ ދުވަހަކު ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެފަިއ ވަނިކޮށެވެ.
ބައެއް މުވައްޒިފުންނަށް ނޯޓިސް ދިންކަން މިނިސްޓްރީން ކަށާވަރު ކޮށްދިން ނަމަވެސް އެއީ ކިތައް މުވައްޒިފުންކަމެއް ނުބުނެއެވެ.
ބައެއް މުވައްޒިފުންގެ ފަރުވާ ކުޑަވެގެން ޓްރާންސްޕޯޓް މިނިސްޓްރީިން އެ މައްސަލަ މީގެ ކުރިން ސިވިލްސާވިސްއަށް ވެސް ހުށަހެޅިއެވެ. އަދި އެ މުވައްޒިފުންގެ މައްސަލަ ބަލަމުންދާ ކަމަށް ސިވިލްސާވިސް ކޮމިޝަނުންވެސް މިގެ ކުރިން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވެފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދާއިރާގައި ހިމެނޭ އެއްވެސް ތަނަކުން ހިދުމަތް ހޯދަން އަންނަ ރައްޔިތު މީހާއާމެދު ނިކަމެތިކޮށް އަމަލު ކުރާތަން ފެނުމަކީ ގަބޫލު ކުރައްވާނެ ކަމެއްނޫން ކަމަށެވެ.
"ޓްރާންސްޕޯޓް މިނިސްޓަރެއްގެ ހައިސިއްޔަތުން ޓްރާންސްޕޯޓް މިނިސްޓްރީ، ނޫނީ ޓްރާންސްޕޯޓް އޮތޯރިޓީ، ނޫނީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތް ހިނގަމުންދާ އެހެން އޮފީހެއްގައި ހިދުމަތް ހޯދަން އަންނަ ރައްޔިތު މީހާ އާމެދު ނިކަމެތިކޮށް އަމަލު ކުރާތަން ފެނުމަކީ އަޅުގަޑު ގަބޫލުކުރާނެ ކަމެއްނޫން، އެގޮތަށް އަމަލުކުރާ ނޫނީ ދަށްފެންވަރުގެ ހިދުމަތްދޭ ކޮންމެ ފަރާތަކާމެދު އަޅުގަނޑު މި މަގާމުގައި ހުރިހާދުވަހަކު އަޅުގަނޑު ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން" މިނިސްޓަރު ވިދާޅުވިއެވެ.
ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ، އެކަމަނާއަކީ ރައްޔިތުންގެ ހާދިމެއް ކަމަށާއި ވެރިޔަކީ ރައްޔިތުން ކަމަށެވެ. އަދި މިނިސްޓަރުކަމަށް ވަޑަައިގެން ހުންނެވީ ހުވައެއް ކުރައްވައިގެން ރައްޔިތުންނަށް ހިދުމަތް ދެއްވުމަށް ކަމަށާއި އެހެންކަމުން ރައްޔިތުންގެ ރައްތާކެރިކަން ކަށަވަރުކޮށްދިނުމަށް އެ ފިޔަވަޅު އަޅުއްވަންޖެހޭ ކަަމަށްވެސް ވިދާޅުވިއެވެ.