އޮފީސް އިމާރާތް ހެދުމުގެ ބަޖެޓާއެކު، އަންނަ އަހަރަށް ލަފާކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް 120 މިލިޔަން ރުފިޔާގެ ބަޖެޓެއް ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދުގެ އިތުރުން ޕީއެސްއައިޕީގެ ދަށުން ހިނގާނެ ހަރަދު ތަކުގެ ތަފްސީލާއެކު 2020 ވަނަ އަހަރަށް ލަފާކޮށް ގާނޫނުގައި ވާގޮތުގެ މަތިން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް މާލިއްޔަތު ކޮމިޓީއަށް ވަނީ ހުށަހަޅައިފައެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން 2020 ވަނަ އަހަރަށް ހުށަހަޅާފައިވާ މުޅި ބަޖެޓްގެ ޖުމްލަ އަދަދަކީ 64.9 މިލިޔަން ރުފިޔާއެވެ. ނަމަވެސް އެ އޮފީހުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމަށް ހަރަދު ކުރުމަށް 55.7 މިލިޔަން ރުފިޔާ ބަޖެޓްގައި ވަނީ ހިމަނައިފައެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި ބަޖެޓް ދިރާސާކޮށް މާލިއްޔަތު ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ބުނެފައިވަނީ، އޮޑިޓާ ޖެނެރަލް އޮފީހަށް ފާސްކުރާ މުޅި ޖުމްލަ ބަޖެޓްގެ އަދަދަކީ، 64،906،696 (ފަސްދޮޅަށް ހަތަރު މިލިޔަން ނުވަ ލައްކަ ހަހާސް ހަސަތޭކަ ނުވަދިހަ ހައެއް) ރުފިޔާ ކަމަށެވެ.
އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމަށް (ޕީއެސްއައިޕީ)ގެ ގޮތުގައި އޮފީސް އިމާރާތެއް ހެދުމަށް 55،750،000 (ފަންސާސް ފަސް މިލިޔަން ހަތްލައްކަ ފަންސާސްހާސް) ރުފިޔާ ކަމަށެވެ.
އެހެންކަމުން މުޅި ބަޖެޓަށް ކަނޑައަޅާފައިވާ 6.4 މިލިޔަން ރުފިޔާ ކޮމިޓީން ފާސްކޮށް، ޕީއެސްއައިޕީގެ ދަށުން އިމާރާތެއް ކުރުމަށް ހުށަހަޅާފައިވާ 55.7 މިލިޔަން ރުފިޔާ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި ފިނޭންސް މިނިސްޓްރީން ދިރާސާ ކުރުމަށްފަހު، ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ދަށުން ބަޖެޓްގައި ހިމެނުމަށް ނިންމާ މަޝްރޫއު ތަކުގެ ތެރޭގައި މި ޕްރޮޖެކްޓް ހިމެނިއްޖެނަމަ، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓަށް އެ ހަރަދު އިތުރު ކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.