ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ޒުވާނުންތަކެއް ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށްފައިވާތީ، އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.
ޑީޖޭއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ އަމަލަކީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލަކަށްވާތީ، އެ މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާނެ ކަމަށެވެ.
ޑީޖޭއޭއިން ބުނީ ޝަރުއީ ކޯޓެއްގެ ހުއްދައަކާ ނުލައި ކޯޓެއްގެ އެތެރެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމަކީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ހަތަރުވަނަ މާއްދާގެ (ހ)ގެ 8، 9، 13(ހ)ހ އަދި 15 ވަނަ ނަންބަރުގެ ދަށުން ބަލާއިރު، ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްކަމަށްވާތީ، އެ އަމަލު ކުށްވެރިކޮށް، ކޯޓުތަކުގެ ހައިބަތާއި ކަރާމާތާއި ގަދަރަށް އުނިކަން އަތުވެދާ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އަންގާ ކަމަށެވެ.
މީސް މީޑިއާގައި ދައުރުވަމުންދިޔަ ފޮޓޯތަކުގައި ފަނޑިޔާރުންގެ ބެންޗުގައި ތިބެ ފޮޓޯ ނަގާފައިވަނީ ތިން ޒުވާނެކެވެ. އެނގިފައިވާ ގޮތުގައި އެމީހުންނަކީ ކޯޓުގައި ހިނގަމުން އަންނަ ޝަރީއަތަކަށް ހެކިބަސް ދިނުމަށް ދިޔަ ބައެކެވެ.