ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ސަފާރީތައް އަޅާނެ ފަޅެއް ކަނޑައަޅައި ޕްލޭނިންގ މަސައްކަތް ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މެރިން އެކްސްޕޯ 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ސަފާރީ އިންޑަސްޓްރީއަށް ހުރި ގޮންޖެހުންތަކަށް ބަލާއިރު، އަބަދުވެސް ދެކެވެމުން އަންނަ ވާހަކައަކީ ސަފާރީއަށް ސޭޕް ހާބަރެއް ނެތް ވާހަކަ ކަމަށާއި ސަފާރީތައް އަޅާނެ ބަނދަރެއް ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ސަފާރީތައް އެޅުމަށް ފަޅެއް ހެދުމަށް ކުރިންވެސް ކަނޑައެޅި ކަމަށާއި ނަމަވެސް މަސައްކަތް ފެށުމަށް އިއުލާނު ކުރިއިރު އެ މަސައްކަތުގައި ގާނޫނީ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުމުން އެ މަސައްކަތް ހުއްޓުނީ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މާލޭ އަތޮޅުގައި ސަފާރީތައް އެޅުމަށް ތަރައްގީކުރުމަށް ރަނގަޅު ފަޅެއް ނެތްކަމަށާއި އެހެންކަމުން މިހާރު ކުރިއަށް ގެންދަނީ އެހެން ފަޅުތަކެއް ހޯދުމުގެ މަސައްކަތްކަމަށެވެ. އަދި "އުންމީދަކީ ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ފަޅު ކަނޑައެޅި ޕްލޭނިންގ މަސައްކަތް ފެށުން. އެކަން މިއަހަރުގެ ތެރޭގައި ވެގެންދާނެ ކަމަށް ޔަގީންކަން އަރުވަން" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ޓޫރިޒަމް ފުޅާ ކުރުމުގައި ސަފާރީ އިންޑަސްޓްރީ މުހިއްމު ރޯލެއް އަދާ ކުރި ކަން ފާހަގަކުރައްވައި ވިދާޅުވީ، ގާތްގަނޑަކަށް 140 ނުވަތަ 150 އެއްހާ ސަފާރީ ބޯޓު އެބަ އޮތް ކަމަށާއި، މީގެ އިތުރުންވެސް ޑައިވިން އާ މަސްވެރިކަމާ ގުޅުންހުރި 300 އެއްހާ ވެސަލްސް އެ އިންޑަސްޓްރީގައި އެބަ އުޅޭ ކަމަށެވެ.
"އޭގެން ދައުލަތައް ލިބޭ މަންފާއަށް ބަލައިލާއިރު، ގާތްގަނޑަކަށް 500 މިލިއަން ރުފިޔާ އިކޮނޮމީގައި އެބަ ދައުރުވޭ އަދި ޓެކްސްގެ ގޮތުގައި ވެސް ރަނގަޅު އަދަދެއް ސަަރުކާރަށް ލިބޭ،
ވަޒީފާތަކަށް ބަލާއިރު 8000 ވަރަކަށް ދިވެހިން ސަފާރީ އިންޑަސްޓްރިގައި މަސައްކަތް ކުރޭ" މިނިސްޓަރ ވިދާޅުވިއެވެ.
މެރިން އިންޑަސްޓްރީއަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި އެކްސްޕޯ، "މެރިން އެކްސްޕޯ" އިއްޔެ ދަރުބާރުގޭގައި ބާއްވާފައިވާރު މިއީ މި އެކްސްޕޯ ބާއްވާ ފަސްވަނަ އަހަރެވެ. މިއަހަރުގެ މި އެކްސްޕޯގެ ތީމް އަކީ "މެރިން ޓެކްނޮލޮޖީ" އެވެ.