ޚަބަރު

މަގާމުން ވަކިކުރަން ހުށަހަޅާފައި ވަނިކޮށް، އިސް މެޖިސްޓްރޭޓް އިސްތިއުފާ ދެއްވައިފި

އިބްރާހިމް ޒަކީ

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު އިސްތިއުފާ ދެއްވައިފިއެވެ.

ރާގިބު އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނިކޮށެވެ.

އޭނާ އިސްތިއުފާ ދެއްވާފައިވަނީ ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފަށް ފޮނުއްވި ސިޓީއަކުންނެވެ.

އެ ސިޓީގައި ރާގިބު ފާހަގަ ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، އޭނާގެ މައްސަލަ ޖޭއެސްސީން ބެލީ ޒާތީ ތައައްސަބުން ފުރިގެން ތިބެ ކަމަށާއި، ހުދުހުމުތާރުކަމާއި އަނިޔާވެރިކަން އިސްކޮށްގެން ކަމަށް ބުނެފައިވެއެވެ.

އަދި ޖޭއެސްސީން ތަހުގީގު ނިންމިއިރު އޭނާއާ ދެކޮޅަށް ހެކިބަސް ދީފައި ވަނީ ޒާތީ ގޮތުން ޖައްސާލާއިގެން ކަމަށްވުމުން އެހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެ.

އަދި ޒާތީ ތައައްސުބުން ފުރިގެންތިބެ އޭނާ ވަޒީފާއިން ވަކިކުރަން ނިންމީ ކީރިތި ގުރުއާނުންނާއި ކީރިތި ރަސޫލާގެ ބަސްފުޅުތަކުން ދަލީލުތައް ދައްކާފައިވާއިރު، އެއަށް ބެލުމެއްނެތި ކަމަށާއި، ރާއްޖޭގެ ސުޕްރީމް ކޯޓުގެ 2012 ވަނަ އަހަރުގެ 1 ވަނަ ގަސިއްޔާ އާއި އެ އަހަރުގެ 27 ވަނަ ގަޒިއްޔާ އާއި ހަވާލާދީ އެހެއްކަކީ ސައްހަ ހެއްކެއްނޫންކަން ސާބިތުކޮށްދީ ހުށަހެޅުއްވި 17 ސަފުހާގެ ޖަވާބަށް ވެސް ބަލާލުމެއްނެތި ކަމަށް ވިދާޅުވެފައިވެއެވެ.

ތަހުގީގުގައި އޭނާއާ ކުރި ސުވާލުތަކަށް ތަފްސީލީ ޖަވާބެއް ދިނުމަށް އުޅުއްވުމުން އެކަން ހުއްޓުވި ކަމަށް ވެސް ރާގިބް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ރާގިބު މަގާމުން ވަކިކުރަން ޖޭއެސްސީން އިއްޔެ ނިންމާފައިވާއިރު، އޭނާގެ މައްސަލަ ބެލުމަށް ހަވާލުކުރި ކުޑަ ކޮމިޓީގެ ރިޕޯޓް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޖޭއެސްސީއަށް ވަނީ ހުށަހަޅައިފައެވެ. އެ ރިޕޯޓްގައި ބުނާ ގޮތުން ރާގިބުގެ މައްޗަށް ހުށަހެޅި ޝަކުވާ ޖޭއެސްސީއަށް ސާބިތުވެއެވެ.

އެހެންކަމުން އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީއަށް އެ ރިޕޯޓްގައި ލަފާ ދީފައިވެއެވެ. އަދި ރިޕޯޓަށް ޖަވާބުދާރީވުމަށް ޖޭއެސްސީ އިން ރާޖިބަށް 30 ދުވަހުގެ މުއްދަތެއް ދިން ކަމަށްވެސް ބުނެފައިވެއެވެ.

ޖޭއެސްސީން އިއްޔެގެ ބޭއްވި ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރާގިބާ ބެހޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރެވުނު މައްސަލާގައި ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށްފަހު، އެ މައްސަލާގައި ކޮމިޝަނުން ގޮތެއް ނިންމުމަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ތަހުގީގު ރިޕޯޓްގައިވާ ފަދައިން ރާގިބު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް ރާޖިބު މަގާމުން ވަކި ކުރަން ހުށަހަޅަން ނިންމި ސަބަބެއް ޖޭއެސްސީއަކުން ހާމަކޮށްފައެއް ނުވެއެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީގެ ބައްދަލުވުމެއްގައި އެކަން ނިންމައި، މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ފޮނުވައިގެންނެވެ. ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރަކު ވަކި ކުރަން ވޯޓު ދީފިނަމަ އޭނާގެ މަގާމު ގެއްލުނީއެވެ. މިގޮތަށް މަޖިލީހުން މިހާތަނަށް ވަކިކޮށްފައިވަނީ ދެ ފަނޑިޔާރެކެވެ.

އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ އާއި ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދެވެ.