މަސްވެރިކަން

ބޮޑު ކަންނެލީގެ މަސްވެރިކަން ވަކި ރަނގަޅެއް ނުވޭ! އެކަމަކު އަގު އާދަޔާ ހިލާފަށް ދަށްވެ، މަސްވެރީން ކަރުތާފެނަށް!

3

ބޮޑު ކަންނެލި ގަންނަ އަގު އާދަޔާ ހިލާފަށް ދަށްވެ، އެކަން ދިގުދެމިގެން ދާތީ، މަސްވެރީން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަމުގައި އުޅޭ ދޯނި ފަހަރުން ބުނި ގޮތުގައި ކަންނެލި ގަންނަ އަގު 35 އާއި 45 އާއި ދެމެދު ކިލޯއެއް ހުންނަތާ ވަނީ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެފަ އެވެ. މި އަގަކީ ކަންނެލި ދޯނި ފަހަރަށް ދެކޮޅު ޖެއްސޭނެ އަގެއް ނޫން ކަމަށް ވެސް އެ ދޯނި ފަހަރުން ބުނެ އެވެ.

ތ. އަތޮޅުގައި ދުއްވާ ބޮޑު ކަންނެލި ދޯންޏެއްގެ ކެޔޮޅަކު މިއަދު ބުނީ، އެންމެ ކޮލިޓީ ރަނގަޅު ކަންނެލި ކިލޯއަކަށް 45 ރުފިޔާ ލިބޭތާ 10 ވަރަކަށް ދުވަސް ވާން ކައިރި ވެއްޖެ ކަމަށާއި އެ އަގުގައި ކިރައިގެން ހަރަދު ކަނޑާފައި ފަޅުވެރީންނަށް އެއްޗެއް ނުލިބޭ ކަމަށެވެ.

"ހަގީގަތުގަ ކަންނެލި މަސްވެރިކަން މިދުވަސްވަރު އެހާ ރަނގަޅެއް ވެސް ނޫން. ރެޔާ ދުވާލު ލޯބީ ފިއްސައިގެން ހަފުތާއަކުން ދެތިން ޓަނު ކަންނެލި ވެސް ބޭނެނީ މަދު ބަޔަކަށް، މިހާރު މި ދުއްވާ 90 ފޫޓު ނޫނީ 100 ފޫޓުގެ އޮޑި ފަހަރުގެ ހަރަދަށް އެވަރުގެ ދަތުރަކަށް ބައިލައްކައެއްހާ ރުފިޔާ އެބަ ހޭދަވޭ. ދެން އަޅުގަނޑުމެންގެ ފަޅުވެރީންގެ އަނބިދަރީންނަށް އޮންނާނީ ކޮން އެއްޗެއްތޯ؟" ތ. އަތޮޅުގައި ދުއްވާ 95 ފޫޓުގެ ދޯންޏެއްގެ އޮޑިވެރިޔަކު "ވަން" އަށް އޭނާގެ ކަންބޮޑުވުން ކިޔައިދިނެވެ.

ދ. އަތޮޅުގައި ދުއްވާ ދޯންޏެއްގެ ކެޔޮޅަކު ރޭ ބުނީ، އެންމެ ފަހުން މީގެ 10 ވަރަކަށް ދުވަސް ކުރީން ބޮޑު ކަންނެލި ކިރައިގެން ކުއްޖަކަށް ޖެހުނީ އެންމެ 1200 ރުފިޔާ ކަމަށެވެ. އެއީ 10 ވަރަކަށް ދުވަހު ކަނޑުމަތީގައި އުޅެގެން ނިންމި ދަތުރެއް ކަމަށް އޭނާ ބުންޏެވެ.

"އެ ނިސްބަތަށް ބަލާ އިރު މަހަކަށް މި ޖެހެނީ އެންމެ 3600 ރުފިޔާ. ކަނޑުމަތީގައި މި ކުރާ ބުރަ މަސައްކަތާ ބަލާ އިރު އެއީ ބޮޑު އަނިޔާއެއް. އެންވެރިކަންވެސް ރަނގަޅު ރަނގަޅެއް ނޫން. އެބުރަށް ފަހު ނިކުމެ މިދިޔަ ހަފުތާގައި މި ބޭވުނީ ފޮއްޓެއް. ދުވާލަކު ހަ ކަންނެލި ހަތަރު ކަންނެލިން ކަހަލަ ގޮތަކަށް މި ބޭވެނީ. ގަނޑުކޮށް ދުވާލަކު ފޮއްޓެއް ކަނޑާލެވޭ ވަރަށް ކަންނެލި މަސްވެރިކަން ރަނގަޅު ނަމަ 40 އަށް ކިލޯ ހުއްޓަސް ކޮންމެވެސް ވަރެއް ވާނެ."

ކުރީން ވާހަކަދެއްކި އޮޑިވެރިޔާ ބުނީ، ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ވާހަކަ ސަރުކާރުގެ އެއްވެސް އިދާރާއަކުން ދައްކާ އަޑު ނީވޭ ކަމަށާއި އެކަމާ މަސްވެރީން ތިބީ ވަރަށް ބޮޑަށް ނުރުހިފައި ކަމަށެވެ. އާ ސަރުކާރަށް ވެސް އަހަރެއް ވާން ކައިރި ވެފައިވާ އިރު، މި އަގުގައި ކަންނެލި ވިއްކަން ވެއްޖެ ނަމަ، އޮޑިވެރީން ބަނގުރޫޓުވެ ކަންނެލި މަސްވެރިކަން ކުރާނެ ބަޔަކު ނުވާނެ ކަމަށް އޭނާ ބުންޏެވެ.

"މިވާހަކަ ދައްކާނެ މީހަކު ނެތް. ފިޝަރީޒާއި އެސްޓީއޯއިން ވެސް އަދި މިފްކޯއިން ވެސް ދައްކާނީ ހަމަ އެކަނި ކަނޑުމަހުގެ ވާހަކަ. އަޅުގަނޑުމެންގެ ދޯނި ފަހަރު ބަނދެ ނިމި ބާލާ އިރު ތިން ހަތަރު ގެ މި އޮންނަނީ ބޭންކުގަ ރަހުނު ކޮށްފަ. މީގެން ދޯންޏެއްގެ އަގު ހުންނާނީ އެތައް މިލިއަން ރުފިޔާއަކަށް އަރާފަ. ފަޅުވެރީންގެ ގޮތުގައި ބައެއް ދޯނި ފަހަރުގައި 20 މީހުން އެބަ އުޅޭ. މި އަގުގަ ވިއްކީމަ މި ތިބެން ޖެހެނީ ބޭންކަށް ދަރާފަ. އަނބިދަރީންގެ ހަރަދު ބެލެހެއްޓޭނެ ގޮތެއް ނުވޭ. މީތޯ މި ކިޔާ ހަމަ އަގަކީ؟ މީތޯ މަސްވެރީންގެ އަޑު އަހާ ގޮތަކީ؟" ކަންނެލި ދޯންޏެއްގެ އޮޑިވެރިޔަކު އޭނާގެ އުދާސްތައް ބަންޑުން ޖަހާލި އެވެ.

ކުރީން ވާހަކަ ދެއްކި ކެޔޮޅު ބުނީ ކަންނެލީގެ މަސްވެރިކަން ދަށް ވެގެން އުޅޭ ސަބަބެއް ނޭނގޭ ކަމަށާއި ރާއްޖޭގައި ގަންނަ ހުރިހާ ކުންފުނިތަކުން ވެސް ގަންނަނީ މި ރޭޓުތަކުގައި ކަމަށެވެ. އެންމެ ގިނައިން ގަންނަނީ އަދި ފައިސާގެ މައްސަލަ އެންމެ ކުޑައީ އެންސިސްގައި ކަން ފާހަގަކުރަމުން އޭނާ ބުނީ ބޮޑު ކަންނެލީގެ ކޮންޓްރޯލު އަގަކީ އެންސިސްގެ އަގު ކަމަށެވެ. ރާއްޖޭގައި ބާނާ ކަންނެލީގެ ބޮޑު އިންސައްތައެއް ކިރުވަނީ އެތަނަށް ކަމަށާއި އެހެން ތަންތަނަށް ކިރުވުމުން ފައިސާ ލިބުމުގައި އުނދަގޫތައް ހުންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް މިހާރު މިދާގޮތަށް އަގު ވެއްޓިފަ އޮވެއްޖެ ނަމަ، މި އިންޑަސްޓްރީ އެއްކޮށް ބަނގުރޫޓުވެ، ދޯނި ފަހަރާއި ރަހުނުކޮށްފައި ހުރި ގެދޮރުވެސް ވިއްކާ ހިސާބަށް ދާނެ. ބޮޑު ކަންނެލީގެ މަސްވެރިކަމުގެ އަގު މިވަރަށް ވެއްޓުން މީ އާންމު ކަމެއް ނޫން. މިހެން މި ވަނީ މީގެ ކޮންޓްރޯލު އެންމެ ބައެއްގެ އަތުގަ އޮތީމަ. ވާދަވެރިކަމެއް ނެތީމަ. ސަރުކާރުން ވެސް މިކަމާ އަޅައިނުލީމަ. ކޮންމެ ސަރުކާރަކުން ވެސް ދައްކަނީ ވާހަކަ، މަސްވެރީން ގުނބޯ ހައްދަނީ. މަސްވެރީން އިހުތިޖާޖަށް ނުކުތީމަ ހަގީގީ މަންޒަރު ފެންނާނެ."

ރާއްޖޭގައި މަސްވެރިކަމަށް ހަމަ އަގު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަށް ޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟