ޔޫއެފާ ޗެމްޕިއަންސް ލީގުގައި ހަނި ތަފާތަކުން ޗެކް ރިޕަބްލިކްގެ ޗެމްޕިއަން ސްލާވިއާ ޕްރާހާ އަތުން ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު "ގްރޫޕު އެފް"ގެ މެޗުގައި ސްލާވިއާ ޕްރާހާ އަތުން ބާސާ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ކުރީކޮޅުގައި ބާސާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ބްރެޒިލް މިޑްފީލްޑަރު އަރްތޫރް ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. ސްލާވިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން މެސީއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.
އެ ލަނޑަށް ފަހު ގިނަ މަސައްކަތްތަކަކާއެކު ސްލާވިއާ އިން ލަނޑު ޖަހާނެ ރަނގަޅު ތިން ފުރުސަތެއް ތަނަވަސްކުރިއެވެ. އެގޮތުން ޖަރޮސްލާވް ޒެލެނީ އާއި ލޫކަސް މަސޮޕުސްޓް އަދި ޕީޓާ އޮލަޔިންކާއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އެ ތިން ހަމަލާ ވެސް ބާސާގެ ޖަރުމަން ކީޕަރު މާކް އަންދްރޭ ޓާ ސްޓެގަން ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ބާސާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ސްލާވިއާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މަސޮޕުސްޓް ދިން ބޯޅައަކުން ސްލާވިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޔޭން ބޮރިލްއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ބާސާގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ކީޕަރު ސްޓެގަންގެ އަތުގައި ޖެހިފައެވެ.
ސްލާވިއާ އިން ނަތީޖާ ހަމަހަމަކުރިތާ ހަތް މިނެޓު ފަހުން ބާސާ އިން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. މެސީ ނަގައިދިން ހިލޭ ޖެހުމަކުން ލުއިސް ސުއަރޭޒް ފޮނުވާލި ބޯޅަ، ސްލާވިއާގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ އެޓީމުގެ ޕީޓާ އޮލަޔިންކާ އަތުން ބައިކޮޅަށެވެ.
މެޗުގެ ފަހުކޮޅު ސްލާވިއާ އިން ވަނީ ކުރިއަށް ޖެހި، އަލުން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެޓީމު ކުރިއަށް ޖެހި ކުޅުމުން ބާސާ އިން ވެސް އޭގެ ފައިދާ ނެގުމަށް މަސައްކަތްކުރިއެވެ. އެގޮތުން މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ބާސާގެ ކެޕްޓަން މެސީއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން މެސީ ފޮނުވާލި އެ ހަމަލާ، ސްލާވިއާގެ ކީޕަރު އޮންޑްރެޖް ކޮލާ ވަނީ މަތަކޮށްފައެވެ.
އެ ގްރޫޕުގެ އަނެއް މެޗުގައި ރޭ އަމިއްލަ ދަނޑުގައި އިންޓަ މިލާނުން ވަނީ 2-0ގެ ނަތީޖާއަކުން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފައެވެ. އެ މެޗުގައި އިންޓަ އިން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ލައުޓާރޯ މާޓިނޭޒާއި އެންޓޯނިއޯ ކަންޑްރޭވާއެވެ.
އެ ގްރޫޕުގެ އެއްވަނައިގައި އޮތް ބާސާއަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ދެވަނައިގައި އޮތް އިންޓަ މިލާން އަދި ތިންވަނައިގައި އޮތް ޑޯޓްމަންޑަށް ވެސް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އިންޓަ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ގްރޫޕުގެ ފުލުގައި އޮތް ސްލާވިއާއަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވަނީ ރަށުން ބޭރުގައި ކުޅުނު "ގްރޫޕު އީ"ގެ މެޗުގައި 4-1ގެ ނަތީޖާއަކުން ގެންކް ބަލިކޮށްފައެވެ. އެ މެޗުގައި ލިވަޕޫލްގެ ފުރަތަމަ ދެ ލަނޑު އެލެކްސް އޮކްސްލޭޑް ޗެމްބަލޭން ކާމިޔާބުކޮށްދިން އިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ސާޑިއޯ މާނޭ އާއި މުހައްމަދު ސަލާހެވެ. އަދި ގެންކްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓެފަން އޮޑޭއެވެ.