ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގާ ކޮމިޓީގެ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.
ވީއޭއެމް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު ފަސްކުރުމަށް ނިންމާފައިވާ ކަމަށާއި ދެން އެ އިންތިހާބު ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށެވެ.
އެ އެސޯސިއޭޝަންގެ އިންތިހާބު ފަސްކޮށްފައިވަނީ އިންތިހާބާ ގުޅޭގޮތުން ސާފުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމާއެކު އެކަންކަން ބަލައި ނިމެންދެން އިންތިހާބު ފަސްކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އެދިފައިވާތީ ކަމަށް ވީއޭއެމް އިން މައުލޫމާތުދެއެވެ.
ވީއޭއެމްގެ އިންތިހާބީ ކޮމިޓީ އަތުން ހިންގާ ކޮމިޓީގެ ބާރުތައް ނަގައި، އެ ބާރުތައް ކޮމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ސަލީމް (ހީނާ ސަލީމް) ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައެވެ. ވީއޭއެމް ހިންގުމުގެ ބާރުގެ އިތުރުން އެ އެސޯސިއޭޝަންގެ މައްސަލަތައް ބަލައި، އާ އިންތިހާބެއް ބޭއްވުމުގެ ޒިންމާ ވެސް ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކޮށްފައިވެއެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އެ ނިންމުން ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީން ބަލައިގަނެފައެއް ނުވެއެވެ. އެފްއައިވީބީން ބަލައިގަންނާނީ ވީއޭއެމްގެ އިންތިހާބީ ކޮމިޓީ ކަމަށް ބުނެ، އެސޯސިއޭޝަން އަލުން އިންތިހާބީ ކޮމިޓީއާ ހަވާލުކުރުމަށް އެ ފެޑެރޭޝަނުން އެންގި ނަމަވެސް، އެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައެއް ނުވެއެވެ.
އޭގެ ފަހުން ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް ކުރިމަތިކުރުވި ސުވާލުތަކަކަށް ޖަވާބުދެމުން ވެސް އެފްއައިވީބީން ބުނީ ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަ ކަމަށެވެ. އަދި އެ ކޮމިޓީން ބާއްވާ އިންތިހާބު ބަލައިނުގަންނާނެ ކަމަށް ވެސް އެފްއައިވީބީން ރިޔާޒަށް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.