ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައެޅުއްވި ސަފީރު މުހައްމަދު ހަލީލު، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ސަފީރުކަމުގެ ފަތްކޮޅު މިއަދު އަރުވައިފިއެވެ.
ސަފީރު ހަލީލު ފަތްކޮޅު އެރުވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އިތުރު ނުވަ ގައުމަކުން ސައުދީއަށް ކަނޑައެޅުއްވި ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ސައުދީ ރަސްގެފާނަށް ވަނީ އަރުވައިފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސައުދީގެ ރަސްގެފާނު ވަނީ ސަފީރުންނަށް މަރުހަބާ ވިދާޅުވެ، ސައުދީ އަރަބިއްޔާއާއި އެގައުމުތަކުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރައްވާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި މިއަދު ސަފީރުކަމުގެ ފަތްކޮޅު އެރުވި ގައުމުތަކުގެ ލީޑަރުންނަށް ކިންގް ސަލްމާން ވަނީ ހެޔޮ އެދުންތައް ފޮނުއްވައިފައެވެ.
ސައުދީ އަރަބިއްޔާއަށް ކަނޑައަޅާ ދިވެހި ސަފީރަކަށް ހަލީލު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުއެވެ. ހަލީލު ސަފީރުކަމަށް ކަނޑައެޅުމަށް ރުހުން ލިބިވަޑައިގެންނެވީ 36 މެމްބަރުންގެ އިއްތިފާގުންނެވެ.
ސައުދީ ސަފީރު ހަލީލަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލްގެ ކޮއްކޮއެވެ. އޭނާ ވަނީ، ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަރު ކަމުގެ އިތުރުން، ޕޯޓްސް އޮތޯރިޓީ އާއި މިފްކޯ ފަދަ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑު މެމްބަރު ކަން ކުރައްވައިފައެވެ.