ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

ސާފް ގޭމްސްގައި އަމާޒަކީ ފުޓުބޯޅައިން ދެ ރަން މެޑަލް ހޯދުން: ބައްސާމް

އަންނަ ޑިސެމްބަރު މަހު ނޭޕާލުގައި ބާއްވާ ސާފް ގޭމްސްގައި އަމާޒަކީ ފުޓުބޯޅައިން ދެ ރަން މެޑަލް ހޯދުން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ގައުމީ ޓީމު ކޮމިޓީން އަންހެން ގައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ އެފްއޭއެމްގެ މިހާރުގެ އަމާޒަކީ މުބާރާތަކަށް ދަންޏާ، އެ މުބާރާތެއްގެ އެންމެ ރަނގަޅު ވަނަ ހޯދާ ހިސާބަށް ދިއުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޒުވާން އުމުރުފުރާގެ ކުޅުންތެރިން، 16 އަހަރުން ދަށް ކަމަށްވިޔަސް، 19 އަހަރުން ދަށް ކަމަށްވިޔަސް، އަދި އަންހެން ޓީމު ކަމުގައިވިޔަސް، ފިރިހެން ސީނިއާ ޓީމު ކަމުގައިވިޔަސް، އަޅުގަނޑުމެންގެ މިހާރުގެ ވިސްނުމަކީ އެ ދާ މުބާރާތެއް ކާމިޔާބުކުރަން މަސައްކަތްކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން. އެހެންވީމާ ސާފް ގޭމްސްއަށް އަޅުގަނޑުމެންގެ ދެ ޓީމު، އަންހެން ޓީމާއި ފިރިހެން ޓީމު ދާއިރުގައި އަޅުގަނޑުމެންގެ ޓާގެޓަކީ މި މުބާރާތް ކާމިޔާބުކުރުން،" އޭނާ ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ އޮލިމްޕިކް ކޮމިޓީގައި އެންމެ ފަހުން ބޭއްވުނު ބައްދަލުވުމެއްގެ މަޝްވަރާގެ ތެރެއިން ސާފް ގޭމްސްއަކީ ޑިވެލޮޕްމަންޓް މުބާރާތެއްގެ ގޮތުގައި ބެލުމަށް ވާހަކަދެކެވުނު ކަމަށާއި ނަމަވެސް އެފްއޭއެމުން ބަލާނީ އެއީ ކާމިޔާބު ހޯދަން ނުކުންނަ މުބާރާތެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑު ވަރަށް ހިތާމައާއެކު ދަންނަވަން އެންމެ ފަހުން އޮލިމްޕިކް ކޮމިޓީގައި ބޭއްވުނު ބައްދަލުވުމެއްގައި މަޝްވަރާގެ ތެރޭގައި ދެކެވިގެންދިޔައީ ސާފް ގޭމްސް ބޭނުންކުރާށޭ ޑިވެޕޮލްމަންޓް އެއްޗެއްގެ ގޮތުގައި. އަޅުގަނޑުމެން ބޭނުމެއް ނޫން މި މުބާރާތް ޑިވެލޮޕްމަންޓް އެއްޗަކަށް ވާކަށް. އަޅުގަނޑުމެން ބޭނުން ކާމިޔާބު ހޯދަން ނުކުންނަ އެއްޗަކަށް ވާން،" އޭނާ ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ފިރިހެން ޓީމު މިހާރު އެ ތައްޔާރުވަނީ ސާފް ގޭމްސް ކާމިޔާބުކުރަން ކަމަށާއި ހަމައެގޮތަށް އަންހެން ޓީމު ވެސް މުބާރާތް ކާމިޔާބުކުރަން ވަރުގަދައަށް ތައްޔާރީތައް ވާން ފަށާނެ ކަމަށެވެ. އަދި އެ ނިޔަތުގައި ސާފް ގޭމްސްއަށް ދިއުމުގެ ކުރިން ޔޫއޭއީގައި ކޭމްޕުކުރުމަށް މަސައްކަތްކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ސާފް ގޭމްސް ކުރިއަށްދާނީ ޑިސެމްބަރު 1 އިން ފެށިގެން 10ގެ ނިޔަލަށް ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައެވެ.