ޚަބަރު

ޤުރުއާން ކިޔަވައިދިނުން ހުއްޓިފައިވާ ގޮފިތަކުގައި އަލުން ކިޔަވައިދޭން ފެށުން އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެންފި

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަކުގެ ތެރެއިން މިހާރު ކިޔަވައިދިނުން ހުއްޓިފައިވާ ގޮފިތަކުގައި އަލުން ކިޔަވައިދޭން ފެށުން އަވަސް ކޮށްދެއްވުމަށް ނައިބް ރައީސް އެދިވަޑައިގެންފިއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް މިއަދު މެންދުރުފަހު ކުރެއްވި ޒިޔާރަތެއްގައި އެ މުއައްސަސާގެ މުވައްޒަފުންނާ މުހާތަބު ކުރައްވައި ނައިބް ރައީސް ވިދާޅުވީ، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ 37 ގޮފި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރެވިފައިވާ ކަމަށެވެ.

އަދި މިހާރު ކިޔަވައިދިނުން ހުއްޓިފައިވާ ރަށްރަށުގެ ގޮފިތަކުގައި އަލުން ކިޔަވައިދޭން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސް ފުރުސަތެއްގައި ކޮށްދެއްވުމަށް ނައިބް ރައީސް އެދިވަޑައިގެންނެވިއެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ނަން މި ސަރުކާރުން ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުގެ ނަމަށް ބަދަލުކޮށްފައިވަނީ އެމަރުކަޒުގެ ހިދުމަތް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމަށްކަން ފާހަގަކުރައްވާ އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކޮންމެ އަހަރަކު ރަމަޟާން މަހު ބޭރު ގައުމުތަކުން ގާރީން ގެންނަން ޖެހުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.

އަދި ގުރުއާން މުދައްރިސުންނާއި ގާރީން ތަމްރީނުކުރަން ޖެހިފައިވާ މިންވަރު މިކަމުން ވަޒަންކުރެވޭ ކަމުގައި ވިދާޅުވިއެވެ.

ނައިބް ރައީސް އިތުރަށް ވަނީ، މިއަހަރު ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 33 ވަނަ ގައުމީ މުބާރާތަކީ ވަރަށް ކާމިޔާބު މުބާރާތެއް ކަމަށް ވިދާޅުވެ، އެ މުބާރާތް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކުގެ މަސައްކަތް ފާހަގަކުރައްވާ، އެފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

އަދި ކުރިއަށްއޮތް ދުވަސްތަކުގައި ބާއްވާ މިފަދަ މުބާރާތްތަކަކީ މާލެއަށް އަމާޒުވެފައިވާ ކަންކަމަށް ނުހައްދަވައި، މާލެއެކޭ އެއްފަދައިން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވެސް މިފަދަ މުބާރާތްތަކާއި ހަރަކާތްތައް ބޭއްވުމަށް އިސްކަންދިނުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

އެގޮތުން މާލެ ފިޔަވާ އެހެން ސަރަހައްދުތަކަށް ހިދުމަތްތަކާއި ތަރައްގީގެ މަޝްރޫއުތައް ގެންދެވިފައިނުވުމަކީ ހިތާމަކުރައްވާ ކަމެއްކަން ފާހަގަކުރައްވާ ނައިބް ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަށް ބާރުވެރިކަން ހޯދަދިނުމުގެ އެންމެ ބޮޑު އެއް އަމާޒަކީވެސް މާލެއާ ރާއްޖޭގެ އެހެން ސަރަހައްދުތަކާ ހުރި ފަރަގު ކުޑަކޮށް، ހިދުމަތްތައް ރައްޔިތުންނާ ހަމައަށް ގެންދިއުން ކަމުގައެވެ.