ޚަބަރު

މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވާގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 85އަށްވުރެ އިތުރު ނުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފިއެވެ.

އިދާރީ ދާއިރާގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ 85 ދާއިރާގެ އިތުރަށް، ދާއިރާތައް އިތުރު ނުކުރުމަށް ޕީޕީއެމްގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ މެންބަރ ޑރ. އަބްދުﷲ ޚަލީލުއެވެ.

ބިލު ހުށަހެޅުއްވުމަށްފަހު، ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ޑރ. ޚަލީލު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުކުރުމަށް ބިލު ހުށަހެޅީ އެއް އަހަރުން އަނެއް އަހަރަށް ރައްޔިތުންގެ މަޖިލިސް ފުޅާވެގެން ދިޔަ ނުދިނުމަށް ކަމަށެވެ.

ޑރ.ޚަލީލު ވިދާޅުވީ ކޮންމެ އިންތިޚާބަކާ ދިމާކޮށް، ދާއިރާތައް އިތުރުކޮށް، މެންބަރުންގެ އަދަދު ގިނަ ކުރުމަކީ ދައުލަތުގެ ޚަރަދުވެސް އިތުރުވެގެންދާނެ ކަމެއް ކަމަށެވެ. އަދި އޭގެ އިތުރުން މަޖިލީހުގެ ހަރަދުތަކާއި، މެންބަރުންނަށް ދައުލަތުގެ ފައިސާއިން ހޭދަކުރާ މިންވަރު މަދުކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. ޚަލީލު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު، ރާއްޖޭގައި މަޖިލީހުގެ މެންބަރުން ނިސްބަތުން ގިނަ ކަމަށާއި، ރާއްޖެއަކީ ފުދުންތެރިކަމާއި އުފެއްދުންތެރިކަން ކުޑަ ގައުމަކަށް ވާއިރު، ދައުލަތުން ކުރާ ހޭދަ ކުޑަކުރަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބާރު އަޅުއްވާ މެންބަރުން އެއިސްލާހަށް ވޯޓް ދެއްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ހަލީލު ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ހ) އިސްލާހު ކުރުމަށް ހުށަހަޅާފަ އެވެ. އެއީ 28 މެއި 2014 ގައި އެކުލަވައިލެވުނު ގޮތަށް މަޖިލީހުގައި ހިމެނޭ އިދާރީ ދާއިރާތައް ތަމްސީލު ކުރާ މެންބަރުންގެ އަދަދަކީ 85 ކަމުގައި ކަނޑައެޅުމަށެވެ. އަދި ކޮންމެ އިދާރީ ދާއިރާއެއް ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށާއި ކޮންމެ ދާއިރާއަކުން އެއް މެންބަރު ނުކުތުމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ގާނޫނު އަސާސީގެ 72 ވަނަ މާއްދާގެ (ނ) އުވާލުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައް ކަނޑައަޅާނޭ ގޮތާއި، އެ އިންތިހާބީ ދާއިރާތައް ކަނޑައަޅާ ސަރަހައްދު ކަނޑައެޅޭނެ ގޮތް ގާނޫނަކުން ބަޔާން ކުރަން ޖެހޭނެ ކަމަށެވެ. އަދި އިދާރީ ދާއިރާތަކުގެ އާބާދީ އިންތިޚާބީ ދާއިރާތަކަށް ބެހުމުގައި ވީ އެންމެ ބޮޑަކަށް ހަމަހަމަ ކުރެވޭނެ އުސޫލެއް ގާނޫނަކުން ކަނޑައަޅަން ޖެހޭނެ ކަމަށް އުވާލަން ހުށަހެޅި އިސްލާހުގައި ވަނީ ބުނެފައެވެ.

މަޖިލީހަށް މިފަދަ ބިލެއް ހުށަހެޅުއްވި އިރު، މަޖިލީހުގެ ދެ ދާއިރާއެއް އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން މިހާރު ހުޅުހެންވޭރު ދާއިރާގެ ގޮތުގައި އޮތް އޮތުން ހުޅުމާލޭ ދާއިރާއަށް ބަދަލުކޮށް، ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އިތުރުކުރަން ވަނީ ނިންމާފައެވެ.