ޕީޕީއެމްގެ މެމްބަރުންނަށް ނޭނގި އެ މެމްބަރުން އެހެން ޕާޓީ ތަކަށް ބަދަލު ކުރަމުންދާ މައްސަލަ އެޕާޓީން އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.
އެ މައްސަލައިގައި އީސީއާ ބައްދަލުކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޕީޕީއެމްގެ ދަފްތަރުން މަދުވެފައިވާ މެމްބަރުންނަށް ވަކިވަކިން ގުޅަމުންގެންދާ ކަމަށެވެ. އަދި މިހާތަނަށް އެތައް ހާހެއްހާ މެމްބަރުންނަށް ގުޅިފައިވާއިރު، އޭގެ ތެރެއިން 60 ޕަސެންޓާއި ގާތްކުރާ އަދަދެއްގެ މެމްބަރުންނަކީ އެ މެމްބަރުންނަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާ މެމްބަރުންތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަދި އެ ކަމަށް ހައްލެއް ހޯދުމަށް މިއަދު އިލެކްޝަން ކޮމިޝަނާ ބައްދަލުކުރި ނަމަވެސް، އެކަމަކީ ހަގީގީ ހައްލެއް ލިބޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެފަދަ މައްސަލައަކަށް ހައްލު ގެނެވޭނެ ފަދަ ވަސީލަތްތަކެއް އިލެކްޝަންގައި ނެތް ކަމަށެވެ.
''އަޅުގަނޑުމެންނަށް މީގަ އެބަ ފާހަގަވޭ އެކަންތައްތައް ބެލޭނެ ރަނގަޅު ނިޒާމެއް ވެސް ނެތްކަން. ވަރަށް މެނުއަލް މަސައްކަތްތަކެއް މިޖެހެނީ ކުރަން. މިތަނުގައި ފިންގަޕްރިންޓް ވެރިފައި ކުރެވޭނެ ގޮތެއް ނުހުރޭ. އަދި އެއްވެސް މުއައްސަސާއަކުން އެކަން ކުރެވޭނެ ގޮތެއް ނުހުރޭ،'' ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕީޕީއެމްއަށް މީހުން ވައްދަނީ އެމީހެއްގެ ރުހުމާއެކު ކަމަށާއި ޕާޓީއަށް މީހަކު ވެއްދުމަށްފަހު ޕީޕީއެމުން އިލެކްޝަނަށް ދޭނީ ސައްހަ މައުލޫމާތު ކަމަށެވެ. އަދި ސައްހަ ގޮތުގައި މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރާ މައްސަލަ ބަލައިފިނަމަ ޕީޕީއެމް ވެގެންދާނީ އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަށް ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޕީޕީއެމް މެމްބަރުގެ ރުހުމާއި ނުލާ އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާ އެންމެންގެ މައްސަލަ ވަކިވަކިން އިލެކްޝަނަށް ހުށަހަޅައި، އެމައްސަލަ ބަލާނެ ކަމަށެވެ.
ޕީޕީއެމްގެ ސަރުކާރުގައި އެ ޕާޓީއަކީ އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއެވެ. އޭރު އެ ޕާޓީގައި 40،000 އަށްވުރެ ގިނަ މެމްބަރުން ތިއްބެވެ.
ނަމަވެސް އިލެކްޝަނުން މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާރު ރާއްޖޭގައި އެ ޕާޓީއެއްގެ ދަފްތަރުގައި އެންމެ ގިނަ މީހުން ތިބި ޕާޓީއަކީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއެވެ. އެ ޕާޓީގައި 50،000 އަށްވުރެ ގިނަ މެމްބަރުން ރަޖިސްޓްރީ ވެފައި އެބަތިބި ކަމަށް އިލެކްޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.