ޚަބަރު

ޖައިކާގެ ރައީސް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރައްވައިފި

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ ރައީސް ޝިނިޗީ ޗިޓައޮކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޖަޕާނާ ރާއްޖެއާ ދެމެދު އަބަދުވެސް އޮންނަނީ ވަރަށް ގާތް އެކުވެރި ގުޅުމެއްކަމަށާ ޖައިކާގެ ސަބަބުން މިގުޅުމަށް އިތުރު ފަހިކަމެއް ލިބިފައިވާކަމުގައި ވިދާޅުވުވިއެވެ. އަދި ޖަޕާނުގެ އެހީތެރިކަން ރާއްޖޭގެ ހުރިހާ ދިމާއަކަށްހެން ލިބެމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ މާސްޓަރ ޕްލޭނެއް އެކަށައެޅުމުގައި ޖައިކާއިން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގައި ޤާއިމުކުރާ އައު "އިންޓަގްރޭޓެޑް ސަރވިސް ޑިޖިޓަލް ބްރޯޑްކާސްޓިން ( އައި.އެސް.ޑީ.ޕީ) ސިސްޓަމް" އަކީ ކާރިސާތަކުން ރައްކާތެރިވުމުގައާއި އީ-ލާނިން ފަދަ ކަންކަމަށް ވަރަށް ބޭނުންތެރި ހިދުމަތަކަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ ޒުވާނުންނަށް ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމުގައި ޖަޕާން އީސްޓް އޭޝިޔާ ނެޓްވޯކް އޮފް އެކްސްޗޭންޖް ފޯ ސްޓޫޑަންޓްސް އެންޑް ޔޫތްސްގެ ފަރާތުން ވެދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އެ ފަރާތަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުވުމުގައި ޖައިކާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ޖަޕާނާ ރާއްޖެއަކީވެސް ސަރަޙައްދީ ކަންކަމުގައި ވަރަށް އެއްގޮތް ކަންތައްތަކެއް ހިއްސާކުރާ ދެގައުމުކަން ފާހަގަކުރެއްވިއެވެ. އަދި ތަރައްގީގެ ސިޔާސަތު ތަކުގައިވެސް ދެޤައުމުން އެއްގޮތް ކަންތައްތަކެއް ގެންގުޅޭކަމަށާއި ދެޤައުމުގެ ވަކިވަކި ފަރުދުންގެ މެދުގައި މިހާރު އޮންނަ ގުޅުންތައް ވެސް އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ޖައިކާގެ ރައީސް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް ވަރަށް ނާޒުކު މައްސަލައެއްކަން ފާހަގަކުރައްވާ ރާއްޖެއިން މިހާރު އަމާޒުހިފާފައި ވަނީ އިޔާދަކުރަނިވި ހަކަތައަށް ނުވަތަ ހަކަތައިގެ އެހެންގޮތްތަކަށް ބަރޯސާވުމަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިގޮތުން ގްރީން ކުލައިމެޓް ފަންޑާއި ޖައިކާގެ އެހީގައި ރާއްޖެއިން ކުރިޔަށްގެންދަން ރާވާފައިވާ "ބިލްޑިންގް ކްލައިމެޓް ރިސިލިއަން ސޭފަރ އައިލެންޑް އިން ދަ މޯލްޑިވްސް" މަޝްރޫއަށް ވެދޭ އެޙިގެ ކަންކަން އަވަސް ފުރުޞަތެއްގައި ހަމަޖެހިގެން ދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ޖައިކާގެ ފަރާތުން ރާއްޖޭގައި ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ކުރިމަގުގައިވެސް ލިބެމުންދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.