ޚަބަރު

ފީފާ އިން ގަބޫލު ކުރާ ފެންވަރުގެ ޓާފް، 13 ރަށެއްގައި އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި

މަރިޔަމް ޝަހުދާ

1

ފީފާ އިން ގަބޫލު ކުރާ ފެންވަރުގެ ޓާފް، 13 ރަށެއްގައި އެޅުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފިއެވެ.

މި 13 ރަށުގައި ޓާފް އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ޔޫތު މިނިސްޓްރީގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ސޮއިކުރެއްވި އިރު އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ.

ފީފާ އެޕްރޫވަލް ޓާފް އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ 13 ރަށަކީ؛

  • ހއ. ދިއްދޫ
  • ހދ. ނެއްލައިދޫ
  • ނ. ހޮޅުދޫ
  • ނ. ކެނދިކުޅުދޫ
  • ރ. އަލިފުށި
  • ޅ. ހިންނަވަރު
  • އދ. މާމިގިލި
  • ފ. ނިލަންދޫ
  • ލ. ގަން
  • ގއ. ވިލިނގިލި
  • ގދ. ތިނަދޫ
  • ޏ. ފުވައްމުލަކު
  • ސ. ފޭދޫ

ޔޫތު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި 13 ރަށުގައި ފީފާ އިން ގަބޫލު ކުރާ ފެންވަރުގެ ޓާފް އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 55 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހުލޫފް ވިދާޅުވީ އިތުރު 22 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ހަރަދުވާނެ މަސައްކަތެއްކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި އެއީ ސަބް-ބޭސްގެ މަސައްކަތް ނުލައި މަސައްކަތައް ހޭދަވާނެ މިންވަރު ކަމަށް މަހުލޫފު ވިދާޅުވިއެވެ.

މީގެ އިތުރުން 15 ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް-ބޭސްގެ މަސައްކަތް ކުރުމަށް މިހާރު އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި މިހާރަށް މަސައްކަތްކުރަނީ 37 ދަނޑުގެ މަސައްކަތް ފެށުމުގެ އަމާޒުގައި ކަމަށާއި މިހާރު ހުރިހާ ރަށެއްގައި ސާވޭގެ މަސައްކަތް ނިމިފައިވާ ކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު އިއުލާނުކޮށްފައިވާނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟