އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުގެ މައްޗަށް ތުހުމަތު ކުރެވޭކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެފައިވާ ކަމަށާއި، އެއީ ރޯ ބުހުތާނު ދޮގުކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތު ކުރެވޭ މީހުންގެ ނަންތައް ހާމަކޮށް އެފަރާތްތަކާމެދު ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައި މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުކޮށް ޕީޖީ ދައްކާ ވާހަކަ އަކީ ބަޔަކު ބުނެގެން އަބުރު ކަތިލަން ދައްކާ ވާހަކައެއް ކަަމަށެވެ.
"އަޅުގަނޑާ ބެހޭގޮތުން އެ ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު. މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެކޮމެޓީއެއްގައި ތަކުރާރުކޮށް، އަޅުގަނޑުގެނަން ހިމެނޭނަމަ ހާމަ ކުރުމަށްޓަކައި އެ ވާހަކަ ކަމާގުޅޭ ހުރިހާ މުއައްސަސާތަކުގައި ވެސް އެ ވާހަކަ ދައްކަމުން ދަނިކޮށް، ބަޔާންކޮށްފައި ނެތް ވަގުތެއްގައި ވަކި މީހަކު ބުނެގެން މީހެއްގެ އަބުރު ކަތިލުމަށްޓަކައި ކަނޑައެޅިގެން ހާމަކޮށްފައިވާ ހާމަ ކުރުމެއްގެ ގޮތުގައި އަޅުގަނޑު ހަމަ ދަންނަވަން." އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަ ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަމަށެވެ.
އެހިޔާނާތުގައި ފައިސާ ލިބުނު މީހުން ވަރަށް ރަނގަޅަށް އެނގެންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ، އެމްއެމްޕިއާރުސީގެ މައްސަލައިގައި ވަކި ބަޔަކަށް ތުހުމަތު ކުރުވުމަށް ޕީޖީ ބިޝާމު ސިޔާސީގޮތުން ބޭނުން ކުރަމުންދާ ކަމަށެވެ.
ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ލުމަށްފަހު ނަގަނީ އެހެންވެގެން ކަަމަށް އޭނާ ވިދާޅުވިއެވެ.
"ސިޔާސީ ބޭނުމަށްޓަކައި މިއަދު ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުރި ބޭފުޅަކު ވަކިކުރަން ނިންމަވައިފަ އަނެއްކާ ބައިންދަން ޝަރުތަކީ އެއީ އޭނާގެ ދޫ ބޭނުން ގޮތަކަށް ބޭނުން ކުރުން ކަމަށްވާނަމަ އެއަކަށް އިންސާފެއް ނުކިޔޭނެ،" އާމިރު ވިދާޅުވިއެވެ.