ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރީން ކިޔަވައިދޭ، ނޫސްވެރިކަމުގެ ހުނަރުތައް ދަސްކޮށްދޭ ކޯހެއް ފަށަން ހަމަޖައްސައިފި އެވެ.
14 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ކޯސް ފަށާނީ އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ. މި ކޯހަކީ "ޝަހީބު މީޑިއާ"ގެ ފަރާތުން އިންތިޒާމްކޮށް ހިންގާ ކޯހެކެވެ.
ލެކްޗަރަންގެ ގޮތުގައި މި ކޯހުގައި ކިޔަވައިދެއްވާނީ ވެސް ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ތަޖުރިބާކާރު ނޫސްވެރީންނެވެ. އޭގެ ތެރޭގައި "މިހާރު" ގެ އެޑިޓަރު މޫސާ ލަތީފާއި "އަވަސް"ގެ އެޑިޓަރު މުންޑޫ އާދަމް ހަލީމާއި "ވަން އޮންލައިން"ގެ ސީ.އީ.އޯ އަދި އެޑިޓަރު ސިނާން އަލީ އާއި "މިހާރު"ގެ މެނޭޖިން އެޑިޓަރު އިސްމާއިލް ނަސީރާއި ވީމީޑިއާގެ ސީ.ސީ.އޯ މުހައްމަދު އާސިފު (މޮންދު) އާއި ވީމީޑިއާގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް، ނިއުސް، އިމާދު ލަތީފުގެ އިތުރުން ދިވެހި ބަހުގެ އުސްތާޒެއް ކަމަށްވާ ފަރެސް މުހައްމަދު އާމިރު ހިމެނެ އެވެ.
"ޝަހީބު މީޑިއާ" އަކީ ނޫސްވެރިން ތަމްރީނު ކުރުމާއި ނޫސްވެރިކަމުގެ ކޮންސަލްޓެންސީ އާއި މާކެޓިން އަދި ޕްރޮމޯޝަންގެ ހިދުމަތް ދިނުމަށް، މީޑިއާ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވައިފައިވާ، ހަވީރުގެ ކުރީގެ އެސޯސިއޭޓް އެޑިޓަރު އަދި "ހުވާސް"ގެ ކުރީގެ އެޑިޓަރު މުހައްމަދު ޝަހީބު މީގެ އަށް އަހަރު ކުރިން އުފައްދަވައިފައިވާ ތަނެކެވެ. މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެއްވާނީ، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަން ވެސް ފާއިތުވި އަށް އަހަރު ދުވަހު ކުރައްވައިފައިވާ ޝަހީބެވެ.
ޖީސީއީ އޯލެވެލް ހަދާފައިވާ ދަރިވަރުންނާއި ނޫސްވެރިކަމުގައި މިހާރު ވެސް ހަރަކާތްތެރިވާ ޒުވާނުންނަށް އަމާޒުކޮށް ފަރުމާކޮށްފައިވާ މި ކޯހުގައި، ޚަބަރު ދެނެގަންނާނެ ގޮތާއި، ޚަބަރު އެކުލަވައިލައި ލިޔާނެ ގޮތާއި، އިންޓަވިއުކުރާނެ ގޮތާއި ރިޕޯޓް ލިޔާނެ ގޮތްތައް ކިޔަވައިދޭނެ ކަމަށް "ޝަހީބު މީޑިއާ"ގެ ޗެއާމަން އަދި ސީ.އީ.އޯ މުހައްމަދު ޝަހީބު ވިދާޅުވި އެވެ. އަދި ނޫސްވެރިކަމުގެ އަޚުލާގާ ބެހޭ ގޮތުންނާއި، ކާމިޔާބު ނޫސްވެރިއަކަށް ވުމުގެ އަޒުމާއި ހިތްވަރުގެ މައްޗަށާއި ތަރުޖަމާ ކުރުމުގެ ފަންނުގެ މައްޗަށާއި ނޫސްވެރިކަމުގެ ބަހުގެ ހަމައިގެ މައްޗަށާއި ނިއުސްރޫމް މެނޭޖްމަންޓުގެ މައްޗަށާއި ފޮޓޯ އަދި ވީޑިއޯ ޖާނަލިޒަމްގެ މައްޗަށް ތަގުރީރުކުރާނެއެވެ.
މި ކޯހުން މަތީ ދަރަޖައިގައި ފާސްވާ ފަރާތްތަކަށް މީޑިއާގެ އެކި ތަންތަނުން ވަޒީފާގެ ފުރުސަތު ތަނަވަސްވެފައިވާ ކަމުގައި ވެސް ޝަހީބު ވިދާޅުވި އެވެ.
ނޮވެމްބަރު 1-14 އަށް ކުރިއަށް ގެންދާ މި ކޯހުގެ ފީއަކީ 2،500ރ އެވެ. ކޯހުގައި އާންމުކޮށް ދޫކުރުމަށް ހަމަޖެހިފައި ވަނީ މަދު އަދަދެއްގެ ޖާގަ ކަމަށްވާތީ، ކޯހުން ފުރުސަތު ލިބޭނީ "ޝަހީބު މީޑިއާ" ހޮޓްލައިން 9934333 އަށް ނަމާއި އައީ.ޑީކާޑު ނަންބަރު ފޮނުވައިގެން އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ ފަރާތްތަކަށް ކަމަށް "ޝަހީބު މީޑިއާ" އިން ބުނެ އެވެ.
މި ކޯސް ކުރިޔަށް ގެންދަނީ ރޭގަނޑު 08:00 އިން 10:00 އަށް އަހުމަދިއްޔާ ސްކޫލުގެ ހޯލުގައި ކަމަށެވެ.
ޝަހީބު މީޑިއާއިން ވަނީ މީގެ ކުރީން ވެސް ނޫސްވެރިކަމުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގާފަ އެވެ. އެ ގޮތުން އައްޑޫ އާއި މާލެ އާއި ކުޅުދުއްފުށީގައި ވެސް ވަނީ ކޯސްތައް ހިންގާފަ އެވެ.