މަސްވެރިކަން

ގަންނަ ކޮންމެ މަސް ޓަނަކުން އެތައް ސަތޭކަ ޑޮލަރުގެ ގެއްލުންވޭ: އަމްރު

އާނިފާ ހުސެއިން ސިރާޖް

1

މަސްވެރިންގެ އަތުން މަސް ގަނެގެން ބޭރު ކުރާ ކޮންމެ މަސް ޓަނަކުން އެތައް ސަތޭކަ ޑޮލަރުގެ ގެއްލުންވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ "ޒުވާން މަސްވެރިން" ކިޔާ ޓުވިޓާ އެކައުންޓަކުން ކޮންފައިވާ ޓުވީޓަކާ ގުޅިގެންނެވެ. އެ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ކޫއްޑުއަށް މަސްކިރަން ދިއުމުން މަސްތައް ހަލާކުވެފައި ހުރިކަމަށް ބުނެ މަސް ކިރައި ނުދިން ކަމަށެވެ. އަދި 13 ޓަނުގެ މަސް ގެންގުޅުނީ 30 ޓަނުގެ އައިސް އަޅައިގެން ކަމަށްވެސް ކަމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން، އަމްރު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ ފެލިވަރުގައި މަސް ގަނެ ގަނޑުކޮށްފައި ބެހެއްޓޭނެ ނިޒާމެއް ނުހުންނަ ކަމަށާއި، ފެލިވަރުން މަސް ނުކިރޭ ނަމަ 20 ފީފާ ތެޔޮ ހިލޭ ދެނީ ކޫއްޑޫއަށް ދާން ކަމަށެވެ.

24 ގަޑިއިރު ތެރޭގައި ކޫއްޑޫއަށް ދެވޭނެ ކަން ފާހަގަކޮށް އަމްރު ވިދާޅުވީ، އެކި ހިސާބު ތަކުގައި މަޑުކޮށް އިތުރަށް މަސް ބާނައިގެން އަށް ދުވަސް ފަހުން ކޫއްޑޫއަށް ދާނަމަ މަސް ހުންނާނީ ހަލާކުވެފައި ކަމަށެވެ.

"ފަހުން ބޭނި ހަލާކު ނުވާ މަސްތައް ވާނީ ކޫއްޑޫން ގަނެފަ. ހަލާކުވެފައި ހުރި މަސް ކޫއްޑޫއަކަށް ނުގަނެވޭނެ" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މިވަގުތު ދުނިޔޭގަ މަހުގެ އަގު ހުރީ މަސް ޓަނެއް 1000 ޑޮލަރަށް ކަމަށާއި ނަމަވެސް މަސްވެރިން އަތުން މަސް ގަނެގެން ބޭރުކުރާއިރު ޖެހެނީ 1850 ޑޮލަރު ކަމަށެވެ.

"ކޮންމެ ޓަނަކުން އެތައް ސަތޭކަ ޑޮލަރެއް ގެއްލުންވޭ" އަމްރު ވިދާޅުވިއެވެ.

މިގޮތުން ވާ ގެއްލުން ފޫބައްދަން މަސް ގަންނަން ފައިސާ ދެނީ ދައުލަތުގެ ބަޖެޓުން ކަމަށާއި އެއީ އެންމެންގެ ޓެކްސް ފައިސާ ކަންވެސް ފާހަގަކުރައްވައި އަމްރު ވިދާޅުވީ، ހަލާކުވެފައި ހުންނަ މަސް ރައްޔިތުންގެ ޓެކްސް ފައިސާއިން ނުގަނެވޭނެ ކަމަށެވެ.

ޒުވާން މަސްވެރިންގެ ޓުވިޓާ ޕޭޖުން ކޮށްފައިވާ ޓުވީޓު މިހާރު ވަނީ ޑިލީޓް ކޮށްލާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟