ޖުޑީޝަލް ސާވިސް ކޮމިޝަން

ޖޭއެސްސީއަށް ކުރިމަތި ލެއްވި 6 ބޭފުޅުންގެ ނަން ޖުޑިޝަރީ ކޮމިޓީއަށް

އިބްރާހިމް ޒަކީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެންބަރުކަމަށް އާންމުންގެ ތެރެއިން ކުރިމަތިލެއްވި ހަ މީހެއްގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

އާއްމުންގެ ތެރެއިން ޖޭއެސްސީގެ މެންބަރު ކަމަށް ކުރިމަތި ލެއްވުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލި ފުރުސަަތުގައި ހަ ބޭފުޅަކު ކުރުމަތި ލެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވިއެވެ.

އަދި އެބޭފުޅުންގެ ނަންތައް މަޖިލީހަށް އިއްވުމަށްފަހު ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވިކަން ވެސް އިއުލާން ކުރެއްވިއެވެ.

އާއްމުންގެ ތެރެއިން ޖޭއެސްސީގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުން:

  • ޒުބެއިރު އަހުމަދު މަނިކު ގ. މަލްވިނަ
  • އަލީ މުހައްމަދު މަނިކު ދަފްތަރު ނަމްބަރު 1851
  • އަހުމަދު މިޒްމާދު މއ. ލޫޕިން
  • އަހުމަދު ސާވީ ދަފްތަރު ނަމްބަރު 5295
  • މިރުފަތު ފާއިޒް މއ.ރަންފޮށި
  • ހުސެއިން އަމްރު ވ. ރޯޝަން

އާންމުންގެ ތެރެއިން ޖޭއެސްސީއަށް ހޮވާނެ ބޭފުޅަކު ކަނޑައެޅުމަށް މަޖިލިހުން އިއުލާނުކުރީ އެ މަގާމުގައި ހުންނެވި އަބްދުލް ހަންނާންގެ ދައުރު ހަމަވާތީއެވެ.

ޖޭއެސްސީގައި ތިއްބަވަނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެންބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.