މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ގައްދޫ އަދި ތިމަރަފުށި މަގުހެދުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

އާނިފާ ހުސެއިން ސިރާޖް

ގދ.ގައްދޫ އަދި ތ. ތިމަރަފުށި މަގުހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕްލޭނިންގް މިނިސްޓްރީގެ އެދުމުގެ މަތިން ގައްދޫ އަދި ތިމަރަފުށި ގެ މަގުތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރާ ކަމަށާއި، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

މި ދެ ރަށުގެ މައި މަގުތައް ހެދުމުގެ މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ވަކި އަދަދެއް ވަނީ މިނިސްޓްރީން ކަނޑައަޅާފައެވެ. އެގޮތުން ގައްދޫގެ މަގުތައް ހެދުމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 750،000 ދިވެހި ރުފިޔާ ނުވަތަ އެއަދަދާ އެއްވަރުގެ އަދަދެއް ޔޫއެސް ޑޮލަރުން ދައްކަން ޖެހޭނެއެވެ. ތިމަރަފުށީގެ މަގުތައް ހެދުމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 350،000 ދިވެހި ރުފިޔާ ނުވަތަ އެއަދަދާ އެއްވަރުގެ އަދަދެއް ޔޫއެސް ޑޮލަރުން ދައްކަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައިސީބީ) އުސޫލުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ ކޮންމެ ބިޑެއްގައި ބައިވެރިވުމަށް 1500 ދިވެހި ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. މި ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 12:00 އަށް ފިނޭންސް މިނިސްޓްރީން ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހު 10:00ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.