ޝަހީދާ އަބްދުﷲ ސައީދު
ޖަޕާނުގެ އާ އެމްޕެރާ، އިންޕީރިއަލް މެޖެސްޓީ އެމްޕެރާ ނަރުހީޓޯއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބުނީ، މިއަދު ބޭއްވެވި ޖަޕާނުގެ އައު އެމްޕެރާ ތަހުތައް އިސްކުރުމުގެ އިހުތިފާލުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ދުނިޔޭގެ 170 ގައުމެއްގެ އިއްޒަތްތެރިންނާއި ބައެއް ގައުމުތަކުގެ އިސްވެރިންނާއެކު ޖުމްލަ 2000 އިއްޒަތްތެރިން މިހަފުލާގައި ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
އައު އެމްޕަރާ ތަހުތަށް އިސްކުރެއްވުމާ ގުޅިގެން ބޭއްވެވި ރަސްމީ ފަރިއްކޮޅުގައިވެސް ދުނިޔޭގެ އެކި ގައުމުތަކުން އިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
އެގޮތުން ޖަޕާނުގެ ވެރިކަން ހިންގާބާރާއި ގާނޫނު ހެދުމުގެ ބާރުގެ އިތުރުން އެގައުމުގެ އަދުލު އިންސާފުގެ ބާރުގެ އިސްފަރާތްތަކާއި އެހެނިހެން ބައެއް އިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ހަފްލާ ކުރިޔަށްދިޔައީ މުނިފޫހި ފިލުވުމުގެ ބައެއް ހަރަކާތްތަކާވެސް އެކުގައެވެ.
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރައީސްގެ ދެކަނބަލުން ޖަޕާނަށް ކުރައްވާ މި ދަތުރުފުޅުގައި އެގައުމުގެ އައު އެންޕެރާ ތަހުތަށް އިސްކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި ކައުންޓާ ޓެރަރިޒަމް ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަޕާން ސަރުކާރުން ރާއްޖެއަށް 70 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކުރައްވާފާއެވެ.
ޖަޕާނުން ރާއްޖެއަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އެ ގައުމަށް ކުރަންވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 14 ނޮވެންބަރު 1967 ގައެވެ.