ޚަބަރު

އެމްޓީސީސީއަށް ގުޅީފަޅު ހިއްކަން ދިންނަމަ ނުވަ މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ: ޑރ. މުއިއްޒު

ޝަހީދާ އަބްދުﷲ ސައީދު

1

އެމްޓީސީސީގެ މަހާޖައްރާފު ބޭނުންކޮށްގެން 37 މިލިއަން ޑޮލަރަށް ގުޅީފަޅު ހިއްކޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގުޅީފަޅު ހިއްކައި ތޮށިލުމަށް 53 މިލިއަން ޑޮލަރަށް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލު ކުރުމުން އެކަމަށް ފާޑުވިދާޅުވެ މުއިއްޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރިނަމަ، އެ ކުންފުނީގެ މަހާޖައްރާފު ބޭނުންކޮށްގެން، އެންމެ ގިނަވެގެން 37 މިލިއަން ޑޮލަރަށް ބިން ހިއްކާ ނިންމާލެވޭނެ ކަމަށެވެ.

އަދި ހަތް މިލިއަން ޑޮލަރަށް އެއްގަމު ތޮށިލައި ނިންމާލެވޭނެ ކަމަށާއި އެގޮތުން އެންމެ ގިނަވެގެން 44 މިލިއަން ޑޮލަރަށް މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އޭރުން އެފައިސާ ލިބޭނީ ރައްޔިތުންގެ ކުންފުންޏަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

ބޮސްކާލިސް ވެސްޓްމިންސްޓާ ލިމިޓެޑަށް ގުޅިފަޅުގައި ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކައި، ހަތަރު ކިލޯމީޓަރުގެ ތޮއްޓެއް ލުމަށް ހަވާލުކުރީ 180 ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް އެ މަސައްކަތް ހަވާލުކުރީ ބިޑް ނުކޮށެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ ގުޅީފަޅު ހިއްކަން ހަވާލުކުރީ މާލިއްޔަތު ގާނޫނާ އެއްގޮތަށް ކަމަށެވެ.

މާލިއްޔަތު ގަވައިދުގެ 10.27 (ށ) ގައި ބުނާގޮތުން ބޭރުގެ ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގިދާނެއެވެ.

އެގޮތުން މަޝްރޫއު ހަވާލުކުރެވޭއިރު އެ ފަރާތަކީ މާލީގޮތުންނާއި ފަންނީ ގޮތުން އެ މަޝްރޫއެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަންވާނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟