ޚަބަރު

އެމްޑީއެން ދިފާއު ކުރެއްވުމުގައި ނަޝީދު ވަނީ ހައްދުފަހަނައަޅައި ގޮސްފައި: ޑރ. ޖަމީލު

ޝަހީދާ އަބްދުﷲ ސައީދު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ދިފާއު ކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްދުފަހަނައަޅައި ގޮސްފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި މިހާތަނަށް ފިޔަވަޅު އަޅާފައިނުވާކަން ފާހަގަކުރައްވައި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކައަށް ރައްދުދެއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ރިޕޯޓުގައި ވިސްނަންޖެހޭ ރަނގަޅު ކަންކަން އެބަހުރި ކަމަށެވެ.

އަދި އެރިޕޯޓު ކުށްވެރިކޮށް ވާހަކަދައްކަނީ ސީރިއާއަށް މީހުން ފޮނުވާ ކަމަށް ތުހުމަތުގެ އިނގިލިކޮށްފައިވާ މީހުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެވާހަކަތަކާ ގުޅިގެން ޑރ. ޖަމީލު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ރައީސް ވަނީ އެމްޑީއެން ދިފާއުކުރުމުގައި ހައްދުފަހަނައަޅާ ގޮސްފައި ކަމަށެވެ. އަދި އެ ރިޕޯޓާ ދެކޮޅަށް ވާހަކަދައްކަނީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނެއް އޮންނަން ބޭނުން ނުވާ މީހުން ކަމަށާއި ދިވެހީންނަށް ލިބިފައިވާ އެންމެ މަތިވެރި ނިއުމަތަކީ އިސްލާމް ދީން ކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އެމްޑީއެން ދިފާއު ކުރައްވާފަދަ މޭރުމަކުން ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަން ފެށުމާއެކު މަޖިލީހުގެ ތަޅުން ހޫނުވެ އަޑުގަދަ ކުރަން ފެށުމުން އެމަނިކުފާނުވަނީ އެމްޑީއެންގެ ރިޕޯޓު ކުށްވެރިކުރައްވައިފައެވެ.